ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ބަންދުކޮށްފި

ނޮވެމްބަރ 6، 2016: އިލެކްޝަން ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ބަންދުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ، މަޖިލިސް އިންތިހާބަށް ވޯޓު ކަރުދާސް ޗާޕު ކުރަން ހަވާލުކޮށްފައިވާތީ، ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު މިއަދުން ފެށިގެން ބަންދުކޮށްފައިވާ ކަމަށެވެ.

އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމު ހުށަހަޅުއްވުމަށް ފަހު ނަން އަނބުރާ ގެންދިޔައީ ތިން ކެންޑިޑޭޓުންނެވެ. އެއީ ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުއްވި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒާއި، އެމްޑީޕީގެ މަހިބަދޫ ދާއިރާގެ ޓިކެޓު ހޯދި ކެންޑިޑޭޓު އަލީ އަހްމަދު (ކަރިޝް) އާއި ލޭބާ ޕާޓީގެ ޓިކެޓުގައި ގެމަނަފުށި ދާއިރާއަށް ކުރިމަތިލެއްވި އިލްހާމް މުހައްމަދެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާސް ޗާޕް ކުރަން ހުށަޅާފައިވާ އިރު އެ ކޮމިޝަނުން ބުނީ ޗާޕު ކުރަން ހަވާލު ކުރީ ކޮން ބަޔަކަށް ކަން ހާމަ ކުރާނީ ގާނޫނުގައި ބުނާ ފަދަައިން އިންތިހާބުގެ ފަސް ދުވަސް ކުރިން ކަމަށެވެ.

އިންތިހާބަށް ވޯޓު ކަރުދާސް ޗާޕު ކުރުމަށް ދެ ފަހަރު އިއުލާނު ކުރި އެވެ. ފުރަތަމަ އިއުލާނު ބާތިލު ކުރީ އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ނުލިބުމުން ކަމަށް އެލެކްޝަންސް އިން ވަނީ ބުނެފަ އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕުކޮށްދިނުމަށް ފުރަތަމަ ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހެޅީ ނޮވެލްޓީ އާއި އެމް7 އިންނެވެ. އެމް7 އަކީ ރިޔާސީ އިންތިހާބުގައިވެސް ވޯޓު ކަރުދާސް ޗާޕުކޮށްދިން ކުންފުންޏެވެ.

comment ކޮމެންޓް