ދިރުންތައް ހިމާޔަތްކުރާ މުއާހަދާއެއްގައި ބައިވެރިވާން މަޖިލީހުގެ ރުހުން ހޯދަނީ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ---- ފޮޓޯ: ރައީސް އޮފީސް

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ތިމާވެއްޓާއި ގުޅުންހުރި ބައިނަލްއަގުވާމީ މުއާހަދާއެއްގައި ބައިވެރިވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޔުނެޕްގެ "ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް" މުއާހަދާގައި ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ސޯލިހު ނިންމަވައިފައިވާ ކަމަށެވެ.

އެމަނިކުފާނު އެގޮތަށް ނިންމެވީ މިއަދު މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް އަކީ ކަނޑާއި އެއްގަމާއި ވައިގެމަގުން އެއްތަނުން އަނެއް ތަނަށް ހިޖުރަކުރާ ދިރުންތަކާއި އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އުފައްދާފައިވާ މުއާހަދާ އެކެވެ. އެ މުއާހަދާގެ ދަށުން ބަލަހައްޓާ ދިރުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ މިޔަރާއި، ވެލާކަހަނބާއި، ދޫންޏާއި، ކޯމަހާއި، ބޮޑުމަހާއި، މަޑީގެ ބާވަތްތަކެއްވެސް ހިމެނެއެވެ. އެ މުއާހަދާއަށް 127 ގައުމަކުން ބައިވެރިވެ އަމަލުކުރަމުންދެއެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް ގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ފެނުއަޑީގެ ދިރުން، އެއްގަމުގެ ދިރުން އަދި ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެންމެންގެ ބައިވެރިވުން ހާސިލްވުމަށް މަގުފަހިވެގެންދިޔުމާއި، ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން ގެ ދަށުން އެކުލަވާލެވިފައިވާ ބައެއް އަމާޒުތައް ހާސިލްވެގެންދިޔުން ހިމެނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ ދިރުންތައް ހިމާޔަތް ކުރުމުން ރާއްޖޭގެ ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ފައިދާވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

comment ކޮމެންޓް