ފުވައްމުލަކުގައި 200 ހައުސިން ޔުނިޓް އަަޅަނީ

ޏ.ފުވައްމުލައް ސިޓީ--

ޏ. ފުވައްމުލަކު ސިޓީގައި 200 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ނިންމައިފިއެވެ.

އެ ހައުސިން ޔުނިޓްތަކުގެ އިމާރަތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ އިއުލާންވެސް ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ބީލަން ހުޅުވާތާ 148 ދުވަހުގެ ތެރޭގައި 80،000 ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ ބީލުން ހުޅުވާލުން އޮންނާނީ އަންނަ މަހު ހަތަރު ވަނަ ދުވަހު ކަމަަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ފުވައްމުލަކުގައި ހައުސިން ޔުނިޓްތައް އެޅުމަށް 12 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ދާދި ފަހުން ފިނޭންސް މިނިސްޓްރީން ވަނީ ލ. ގަމުގައި 200 ހައުސިން ޔުނިޓްއާއި ބ. ތުޅާދޫ އަދި ޅ.ނައިފަރުގައި ކޮންމެ ރަށަކު 100 ހައުސިން ޔުނިޓް އަޅާދޭނެ ފަރާތެއް ހޯދުމަށްވެސް އިއުލާން ކޮށްފައެވެ.

އޭގެ އިތުުރުން ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުންވަނީ ނިންމައިފައެވެ. އަދި އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުންޏެއްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އުފައްދައިފައެވެ.

comment ކޮމެންޓް