ފެންވައިރުކުރުމުގެ މިންގަނޑުތަކެއް އެކުލަވާލަނީ

އިސްކުރު ފެނަކީ ބުއިމަށް އެކަށީގެންވާ ފެންކަން ކަށަވަރުކުރަން ކޮށް ދިނުމާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެންވަޔަރަމަންޓް މިނިސްޓަރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި ފޯރުކޮށްދޭ ސަޕްލައި ފެނަކީ ތަޣައްުޔަރުނުވެހުރި އަދި ބޯން ރައްކާތެރިކަން ފެންތޯ ކަށަވަރުކުރުމަށް ފެންވައިރުކުރުމުގެ މިންގަނޑުތަކެއް އެކުލަވާލަން ނިންމައިފި އެވެ.

ބޯފެނަށް ކުރަން ޖެހޭ ހަރަދާއި އުފުލަންޖެހޭ ތަކުލީފް ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެނަކީ ބޯން އެންމެ އެކަށީގެންވާ ފެނަށް ހެދުމަކީ އާ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

އިސްކުރު ފެނަކީ ބުއިމަށް އެކަށީގެންވާ ފެންކަން ކަށަވަރުކުކޮށް ދިނުމާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މާލޭގެ މިހާރު ވެސް ވަރަށް ގިނައިން އިސްކުރުފެން ބޯ މީހުން އުޅޭ ކަމަށާއި އެހެން ނަމަވެސް އޭގެ ބަދަލުގައި ފުޅީގައި ފެން ބޯމީހުން ވެސް އުޅޭ ކަމަށެވެ.

އަދި ފުޅީގައި ހުންނަ ފެނަށް އޮންނަ އިތުބާރު އިސްކުރުން ފެނަށް ވެސް ހޯދައިދޭން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެން ފޯރުކޮށްދެވެނީ ސަޕްލައި ނެޓްވާކެއް މެދުވެރިކޮށް، އެ ގޭއާއި މީޓަރާ ހަމައަށް މި ފޯރުކޮށްދެނީ. ދެން ބައެއް ގޭގޭގައި ފެން ވައިރުކޮށްފައި ހުރި ގޮތުން އަޅުގަނޑުމެން ފާހަގަކުރަން ރަނގަޅަށް ވައިރުނުކޮށް ހުންނަކަން. އޭގެ ސަބަބުން ކޮންމެވެެސް ކަހަލަ ކޮންޓެމިނޭޝަންތަކެއް އެގޭ ތެރޭގައި ފެން ބޭނުންކުރާ ގޮތުން އުފެދޭކަން ވެސް ބައެއް ފަހަރު ޓެކްނިކަލް މީހުން ފާހަގަކުރައްވާފައި އެބަހުރި." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން ފެންވައިރުކުރުމުގެ ގައުމީ މިންގަނޑެއް ބޭނުންުވާ ކަމަށާއި އަދި އެ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެފަދަ މިންގަނޑެއް ނެތި ސިއްހީ ގޮތުން ނުރައްކާތެރި ކަންކަން ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެން ވައިރުކުރުމަކީ ވެސް ވަކި ފެންވަރެއްގައި ހިންގަން ޖެހޭނެ ކަމަކަށްވާތީ އަޅުގަނޑުމެން އެބަޖެހޭ އެކަން ކުރަން. އެއީ ސިއްހީ ރައްކާތެރިކަން ޔަގީން ކުރުމަށް ޓަކައި ވެސް ކުރަން ޖެހޭ ކަމެއް." ޑރ. ހުސެއިން ވިދާޅުވި އެވެ.

comment ކޮމެންޓް