ސީއޮކްމާގެ ބައްދަލުވުން ދިރާގުން ފަށައިފި

ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުން -- ފޮޓޯ: ދިރާގު

ސައުތު އީސްޓް އޭޝިއާ އެންޑް އިންޑިއަން އޯޝަން ކޭބަލް މެއިންޓެނެންސް އެގްރީމެންޓް (ސީއޮކްމާ)ގެ މެނޭޖުމެންޓް ކޮމެޓީގެ ބައްދަލުވުމުން ބަނޑޮސް އައިލެންޑު ރިސޯޓުގައި ފަށައިފި އެވެ.

ދިރާގުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބައްދަލުވުމަކީ ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ ބައްދަލުުވުމެވެ.

ސީއޮކްމާ އަކީ އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް އޮޕަރޭޓްކުރުމާއި ފެސިލިޓީ ޕްރޮވައިޑްކޮށްދިނުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް އިދާރާ އެވެ.

ޑިޖިބޫރީ، ޕާތް، ގުއާމް އަދި ޓައިވާން ސަރަހައްދުގައި އޮންނަ ކޭބަލަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދައިދެނީ ވެސް މި އިދާރާއިންނެވެ.

ބޮޑެތި ދޯނިފަހަރުގެ ނަގިލީގެ ސަބަބުން އިންޓަނޭޝަނަލް ޓެލެކޮމިޔުނިކޭޝަން ޓްރެފިކަށް ބުރޫ އެރުމުން އެކަންތައް ހައްލުކުރުމަށާއި ސިންގަޕޫރު، ފިލިޕީންސް އަދި އިންޑިއާ ސަރަހައްދުގައި ހަރަކާތްތެރިވާ ބޮޑެތި ބޯޓުތަކުގެ ސަބަބުން ކޭބަލަށް ގެއްލުމެއް ލިބިއްޖެ ނަމަ ލިބޭ ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް ވެސް ސީއޮކްމާ އޮންނަނީ 24 ގަޑިއިރު ސްޓޭންޑްބައިގަ އެވެ.

ދިރާގަކީ ސީއޮކްމާއާ އެކު މަސައްކަތް ކުރާ ރާއްޖޭގެ ހަމައެކަނި ކުންފުންޏެވެ. ދެހާސް ހަ ވަނަ އަހަރުން ފެށިގެން ދިރާގަކީ އެ އިދާރާގެ މެންބަރެކެެވެ. ދިރާގުގެ ސަބްމެރިން ކޭބަލް މެއިންޓެއިން ކުރުމުގައި އެހީތެރިވަނީ އެ އިދާރާއިންނެވެ.

މިއަދު ފެށި ބައްދަލުވުން މި ހަފްތާގެ ބުރާސްފަތީގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ބައްދަލުވުމުގައި ތަފާތު 44 ސަބްމެރިން ކޭބަލްއެއް ރެޕްރެޒެންޓު ކުރުމަށް އެކި ގައުމުތަކުން މަންދޫބުން ބައިވެރިވެ އެވެ. ދިރާގުން ބުނީ ސީއޮކްމާ އާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ކޭބަލަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް 24 ގަޑިއިރު ތެރޭ މަސައްކަތް ފަށާ ކަމަށެވެ. ދިރާގުން ދޭ ހިދުމަތުގެ ފެންވަރު ހިފެހެއްތުމުގައި އެ އިދާރާގެ ރޯލު ބޮޑު ކަމަށް ވެސް ދިރާގުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް