މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިޝްތިހާރު މާލޭގެ މަގުމަތީ ހަރުކުރެވޭނީ ގަވައިދުން ނަގަން ޖެހޭ ހުއްދައެއް ނަގައިގެން ކަމަށާއި ހުއްދަ ނުނަގާ އިޝްތިހާރު ހަރުކުރާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޭމަންޓް މަތީ ހޮޅި ޖަހައިގެން އިޝްތިހާރު ކުރެވޭނީ ހުއްދަ ނަގައި ދައުލަތަށް ފައިސާ ދައްކައިގެން ކަމަށެވެ. ގޭގޭގެ ފާރުގައި އިޝްތިހާރު ތަތްކުރެވޭނީ އެ ގޭގޭގެ ވެރިންގެ ފަރާތުން ހުއްދަ ހޯދައިގެން ކަމަށާއި ދައުލަތުގެ މުވައްސަސާތަކުގެ ފާރުގައި އިޝްތިހާރު ތަތްކުރުމަކީ ޖޫރިމަނާ ކުރެވޭނެ ކަމެއް ކަމަށް ސިފާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނީ މާލޭ ސިޓީގައި ހުއްދަ ނުނަގާ އިޝްްތިހާރު ބަހައްޓާ ކޮންމެ ދުވަހަކަށް 1000 ރުފިޔާ އާއި 2000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި އިޝްތިހާރު ނަގަން ޖެހޭ މުއްދަތު ހަމަވުމުން އިޝްތިހާރު ނުނަގާ ނަމަ، ކޮންމެ ދުވަހަކަށް 2000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް އިޝްތިހާރު ކުރާއިރު އިޝްތިހާރުގެ ހާޑްކޮޕީއެއް ސިޓީ ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ. އަދި ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްކަން އަންގައިދިނުމަށް އިލެކްޝަންސް އިން ދޫކޮށްފައިވާ ލިޔުން ވެސް ހުށަހަޅަން ޖެހެ އެވެ.
ސިޓީ ކައުންސިލްގެ އިއުލާނުގައިވާ ގޮތުން އިޝްތިހާރު ކުރުމަށް ދަމާފައިވާ އިޝްތިހާރުގެ ސަބަބުން އާއްމު ރައްޔިތަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ވެއްޖެ ނަމަ އިޝްތިހާރު ހަރުކުރި ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ އެވެ.
އިޝްތިހާރު ނުހިއްޕޭނެ ތަންތަނުގެ ގޮތުގައި ކަނޑައާޅާފައިވަނީ ދައުލަތުގެ ޢިމާރާތްތަކާއި، ސަރުކާރުގެ ތަންތަނުގެ މަގުމަތީ ފާރު، ސަހަރާތައް، ޕާކުތައް އަދި ޔުޓިލިޓީސް ހިދުމަތް ދިނުމަށް މަގުމަތީ ފާރުގައި ހަރުކޮށްފައިވާ ފޮށިތައް، މަގުމަތީގައި ބެހެއްޓިފައި ހުންނަ ޑަސްބިންތަކާއި، ގަސް އިންދުމަށް މަގުމަތީގައި ޖަހާފައިހުންނަ ފެންސްތައް.
މީގެ އިތުރުން މިސްކިތްތަކުގައި ތިބޭ މީހުންނަށް ފެންނަގޮތަށް އެކިއެކި ތަސްވީރު ހުންނަ އިޝްތިހާރު ބަހައްޓައި ހަރުކުރުމަކީ މަނާ ކަމެއްކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެއްވެސް ބާވަތެއްގެ އިޝްތިހާރެއް މަގުމައްޗަށާއި، މަގުމަތީގައި ހުންނަ އެއްޗިއްސަށާއި، ވެހިކަލްތަކަށާއި އެނޫން ވެސް ތަންތަނަށް އެޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި އަމިއްލަ މީހުންގެ އިމާރާތާއި ގޭގޭގެ ފާރުގައި އިޝްތިހާރު ބަހައްޓައި ހިއްޕަންވާނީ އެތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށް ފަހު ކަމަށް އެ އިއުލާނުގައިވެ އެވެ.
އަދި އިޝްތިހާރުގެ މުއްދަތު ހަމަވުމުން އެތަނަކުން އިޝްތިހާރު ނައްޓައި ނުވަތަ ނަގައި ތަން ސާފުކުރުމަކީ އިޝްތިހާރު ހަރުކުރާ ފަރާތުން ކުރަންޖެހޭނެ ކަމެއްކަމަށް ވެސް ބުނެފައިވެ އެވެ.