ކުދި ވިޔަފާރިތަކަށް ޕްރޮޖެކްޓުތައް ލިބޭނެ އިންތިޒާމުުތައް ހަމަޖައްސަނީ

މިނިސްޓަރު ފައްޔާޒު މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ތަޖުރިބާނެތް ނަމަ، ޕްރޮޖެކްޓުތައް ލިބުމުގައި ދަތިތައް ދިމާވުމަކީ ކުދި ވިޔަފާރިތަކަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެކަން ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކު، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަލަށް ފަށާ ކުދި ވިޔަފާރިތަކަށް ޕްރޮޖެކްޓެއް ލިބެނެގޮތް މިހާރު ނެތްކަމަށެވެ.

"މިހާރު ވެއްޖިއްޔާމުން އަލަށްފަށާ ކުޑަ ވިޔަފާރިއަކަށް ނެތް ޕްރޮޖެކްޓަށް ލިބޭކަށް އެކްސްޕީރިއަންސް ނެތުމުން. އަޅުގަނޑުމެން ވަކި ކްރައިޓީރިއާތަކެއް ކަނޑައަޅައިގެން އެފަދަ ފުރުސަތުތަކެއް ހުޅުވާލުމަށް މަސައްކަތް ކުރަމުން މިދަނީ،"

މިނިސްޓަރު ވިދާޅުވީ ކުދި އަދި ބޮޑު ވިޔަފާރިތަކަށްވެސް މިހާރު އޮތް އަނެއް ގޮންޖެހުމަކީ ރާއްޖޭގެ ޓެކްސްގެ ނިޒާމު މާނަކުރެވިފައި އޮންނަ ގޮތް ކަމަށާއި ޓެކްސްގެ ނިޒާމަށް ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުން ރައީސް އޮފީހާއި ފިނޭންސް އަދި އިކޮނޮމިކް މިނިސްޓްރީއިން މިހާރުވެސް މަޝްވަރާކުރަމުން ދާކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅާނަން،" ފައްޔާޒު ވިދާޅުވީ އެސްއެމްއީ ޕޮލިސީއާއި ޓެކްސްގެ ނިޒާމަށް ގެންނަ ބަދަލުތަކާއެކު ރާއްޖޭގެ ވިޔަފާރީގެ ސިނާއަތަށް ފަސޭހަތަކެއް އަންނާނެ ކަމަށެވެ.

ގައުމު ކުރިއަރާނީ ވިޔަފާރިތައް ކުރިއަރައި އޭގެ ނަފާ ރައްޔިތުންނަށް ލިބެން ފެށުމުންކަމަށް މި ސަރުކާރުން ގަބޫލުކުރާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް