ލިވަޕޫލް ވަގުތީ ގޮތުން އެއްވަނައަށް އެރި އިރު ޗެލްސީ ފުރުސަތު ނަގާލައިފި

ލިވަޕޫލްއާއި ފުލްހަމް ބައްދަލު ކުރި މެޗުގައި ލިވަޕޫލްގެ ޖޭމްސް މިލްނާ ގޯލު ޖެހުމަށްފަހު ޓީމުގެ ކުޅުންތެރިންނާ އެކު ސެލެބްރޭޓް ކުރަނީ --- ފޮޓޯ/ ޑޮމް ފެރަލް

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ފުލްހަމް ބަލިކޮށް ލިވަޕޫލް ވަގުތީ ގޮތުން އެއްވަނައަށް ޖެހިލި އިރު އެވަޓަން އަތުން ބަލިވެ ޗެލްސީއިން ގަދަ ހަތަރަކަށް އެރުމަށް ކުރަމުން އަންނަ އުއްމީދު ފޭދިއްޖެ އެވެ.

ޖޭމްސް މިލްނާ ފަހު ވަގުތު ކާމިޔާބުކޮށްދިން ޕެނަލްޓީއާ އެކު ލިވަޕޫލްއިން ފުލްހަމްގެ މައްޗަށް ކުރި ހޯދީ 1-2ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާއާ އެކު އެއް މެޗު އިތުރަށް ކުޅެގެނެ ލިވަޕޫލް އެއްވަނާގައި އޮތް ނަމަވެސް މެންޗެސްޓާ ސިޓީ ދެން ކުޅޭ މެޗަކުން މޮޅު ވެއްޖެ ނަމަ ލިވަޕޫލް އަނބުރާ ދެވަނައަަށް ވެއްޓޭނެ އެވެ.

އެވަޓަންއާއި ޗެލްސީ ބައްދަލު ކުރި މެޗުގައި އެވަޓަން ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާ ފާޅު ކުރާ މަންޒަރު --- ފޮޓޯ/ޑޮމް ފެރަލް

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ޗެލްސީ ބަލިކޮށް އެވަޓަން އިން ކުރި ހޯދީ 0-2ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ބަލިވެ ގަދަ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު ޗެލްސީ އިން ވަނީ ނަގާލައިފަ އެވެ. ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ހަވަނާގައި 57 ޕޮއިންޓާ އެކު އެވެ. ފަސްވަނާގައި އޮތް ޔުނައިޓެޑްއަށް 58 ޕޮއިންޓް ލިބިފައިވާ އިރު ހަތަރު ވަނާގައި އޮތް އާސެނަލަށް 60 ޕޮއިންޓް ލިބިފައިވެ އެވެ.

އެ މެޗުގައި އެވަޓަން އަށް ގޯލުތައް ޖަހައި ދިނީ ރިކާލިސަން އާއި ގިލްފީ ސިގާޑްސަން އެވެ. ރޭގެ މޮޅާ އެކު އެވަޓަން ވަނީ ތާވަލުގެ 11 ވަނައަށް ޖެހިލައިފަ އެވެ.

ސީޒަނުގެ ބޮޑުބައި އެއްވަނާގައި ހޭދަ ކުރުމަށް ފަހު ލިވަޕޫލް އިން ވޭތުވެ ދިޔަ ފަސް ވަރަކަށް މެޗުން ޕޮއިންޓްތަކެއް ގެއްލުވާލުމާ ގުޅިގެން އެ ޓީމު ވަނީ ދެވަނައަށް ވެއްޓިފަ އެވެ. ނަމަވެސް އެއް މެޗު އިތުރަށް ކުޅެގެން ލިވަޕޫލް ކުރީގައި މިވަގުތު އޮތް އިރު އެ ޓީމުގެ އަސްލު ފޯމު ވަނީ ގެއްލިފަ އެވެ.

ރޭގެ އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ލިވަޕޫލް އެވެ. ސެނެގަލްގެ ތަރި ސާޑިއޯ މާނޭ އެ ގޯލު ކާމިޔާބު ކޮށްދިން އިރު އޭނާ އަށް ވަނީ އެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި، ބޭކާރު ވެފަ އެވެ.

ދެވަނަ ހާފުގައި ކުޅެން ނުކުތް ޖޭމްސް މިލްނާގެ މިސްޓޭކަކުން ފައިދާ ނަގައި ފުލްހަމް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް މެޗު ނިމެން ދަނިކޮށް ލިބުނު ޕެނަލްޓީއެއް ޖަހައި މިލްނާ ވަނީ އޭނައަށް ހެދުނު ގޯހުގެ ބަދަލު ލިވަޕޫލްއަށް ހޯދައިދީފަ އެވެ.

މިހާތަނަށް މިލްނާ ގޯލު ޖަހާފައިވާ އެއްވެސް މެޗަކުން ލިވަޕޫލް ބަލިވެފައެއް ނުވެ އެވެ. ފަންސާސް އެއްވަނަ މިނިޓްގައި މެޗުގައި މިލްނާ ގޯލު ޖަހާފައިވާ އިރު 40 މެޗުން މޮޅުވެ 11 މެޗުން ލިވަޕޫލް ވަނީ އެއްވަރު ވެފަ އެވެ.

comment ކޮމެންޓް