އެސްއެމްއީ ލޯނުގެ ވަކި ޕަސެންޓެއް ޒުވާނުންނަށާއި އަންހެނުން އަދި ނުކުޅެދޭ މީހުންނަށް

އެސްއެމްއީ ބޭންކު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

މިއަދު އިފްތިތާހުކުރި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ދޫކުރާ ލޯނުގެ ވަކި ޕަސެންޓެއް ޒުވާނުންނަށާއި އަންހެނުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައިގެން އުފެއްދި މި ބޭންކު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަަމުން ރައީސް މިއަދު ވިދާޅުވީ އެސްއެމްއީ ބޭންކުގެ ހިދުމަތާއެކު ޒުވާން ގިނަ ވިޔަފާރިތަކެއް އުފެދިގެންދާނެ ކަމަށެވެ.

"ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން، ގައުމީ އިގްތިސޯދަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ،" ރައީސް ވިދާޅުވިއެވެ.

މި ލޯނަކީ ގައުމުގެ ތިންބައިކުޅަ ދެބައި މީހުންނަށް ވުރެ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ލޯނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެސްއެމްއީ ލޯންގެ ވަކި ބައެއް އަޅުގަނޑުމެން ހާއްސަކޮށްފައިވާނީ، އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. އެހެންކަމުން، އެސްއެމްއީ ލޯނަކީ، މުޅި ގައުމުގެ ތިން ބައިކުޅަ ދެބަޔަށްވުރެ ވެސް ގިނަ މީހުންނަށް އެހީތެރިވެދޭނެ ލޯނު ސްކީމެއް،" ރައީސް ވިދާޅުވިއެވެ.

އެސްއެމްއީ ބޭންކުގެ ހިދުމަތާއި ދަނޑުވެރިކަން ކުރާ އަމިއްލަ ފަރާތްތަކަށް، މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި، ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ދެކަންތައް ކަމަށާއި މިއީ ރައްޔިތުން ބާރުވެރިކުރުވައި، ގައުމީ އާމްދަނީން، ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ކުރަން ނިންމި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ވިޔަފާރި މާހައުލުގައި ހަރަކާތްތެރިވާ، ގާތްގަނޑަކަށް 93 އިންސައްތަ ވިޔަފާރިއަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް. އެ ނިސްބަތުން ބަލާނަމަ، ގައުމީ އިގްތިސޯދުގެ މައިބަދައަކީ، އެ ބާވަތުގެ ވިޔަފާރިތައް،"

ރައީސް ވިދާޅުވީ ދިވެހިންނަށް އެންމެ ގިނައިން ވަޒީފާގެ ފުރުސަތުތައް އުފައްދައިދެނީވެސް ކުދި އަދި މެދުވަންތީގެ ވިޔަފާރިތަކުން ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރަށްވުރެ ގިނަވެ، މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން މެނުވީ، ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްގީއާއި ކުރިއެރުން ހޯދުން ދަތިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ލޯނުތައް ދޫކުރާނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަށީގެންވާވަރުގެ ކުޑަ އިންޓްރެސްޓެއްގައި ކަމަށާއި އަމާޒަކީ، ކުރިމަގުގައި ދޫކުރާ މިފަދަ ލޯނުތަކުގެ އިންޓްރެސްޓް މިހާރަށްވުރެވެސް ކުޑަކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެސްއެމްއީ ލޯނަށް ކުރިމަތިލާއިރު، ހުށަހަޅަންޖެހޭ ވިޔަފާރީގެ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި، މާލެއާއި ބައެއް އަތޮޅުތަކުގައި މިހާރު ހިންގަމުން އަންނަ ހަތް ބިޒްނަސް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވިޔަފާރިތަކުގެ ހިސާބުކިތާބު ބަލަހައްޓައި، ވިކުރާ ތައްޔާރުކުރާނެ ގޮތުގެ ލަފާވެސް އެތަންތަނުން ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި އަމާޒަށް އަޅުގަނޑުމެން ދާން ގަސްތުކުރަނީ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން. ރަށްރަށުގައި އަލަށް ވިޔަފާރިއެއް ފެށުމުގެ މަރުޙަލާގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ ގާބިލުކަން، ރަށު ކައުންސިލްތަކަށް ހޯދައިދެވޭނެ،" ރައީސް ވިދާޅުވީ އެކަމަށްޓަކައި ކޮންމެ ރަށު ކައުންސިލެއްގައި، ތަމްރީނު ލިބިފައިވާ އިކޮނޮމިކް އޮފިސަރުން ބޭތިއްބުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

އިގްތިސޯދީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމަށް، ސަރުކާރުން ފަހިކޮށްދިން ފުރުސަތުގެ ބޭނުން ޒިންމާދާރުކަމާއެކު ހުރިހާ ރައްޔިތުންވެސް ހިފާނެކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް