އިންޑިއާ-ޕާކިސްތާނު ކުރިމަތިލުން ހަނގުރާމައަކަށް ބަދަލުނުވީ "ކިރިޔާ"

މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކަޝްމީރުގެ ޖަމާއަތަކުން އިންޑިއާގެ ޕެރަމިލިޓްރީ ފުލުހުންނަށް ދިން ހަމަލާއަށްފަހު ދެ ގައުމުގެ ދެމެދުގައި ހިނގި އަސްކަރި ކުރިމަތިލުންތައް ހަނގުރާމައަކަށް ބަދަލުނުވީ "ހަމަ ކިރިޔާ" ކަމަށް ކަމާބެހޭ ދިރާސާ ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ނަންހާމަކުރަން ނޭދޭ އަސްކަރީ ފަސް މަސްއޫލުވެރިއަކާ ހަވަލާދީ ރޮއިޓާސް ބުނާގޮތުން އެ މައްސަލަ ފިނިކުރުމަށް އެމެރިކާ މެދުވެރިއެއްގެ ބައި އަދާނުކުރިނަމަ އެދެގައުމުގެ މެދުގައި ހަނގުރާމައެއްގެ ހުޅުގަނޑު ރޯވެގެން ދިޔައީހެވެ. އިސްލާމްއާބާދާއި ނިއުދިއްލީގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމެޓުން ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ އަސްކަރީ ދެ ފައިޓާޖެޓް ޕާކިސްތާނުން ވައްޓާލުމުން އިންޑިއާއަށް ލިބުނީ އާދަޔާ ޚިލާފު ޝޮކަކާއި ނުތަނަވަސްކަމެކެވެ. މިއާއެކު އިންޑިއާގެ އަސްކަރިއްޔާގައި ޕާކިސްތާނާ ދެކޮޅަށް ބަދަލުހިފުމުގެ ރޫހު ވަރަށް ބޮޑަށް އުފެދިގެންދިޔައެވެ.

އެ ނުތަނަވަސްކަމާއި ބަދަލު ހިފުމުގެ ވަރުގަދަ ރޫހުގައި އިންޑިއާ އުޅުނީ ޕާކިސްތާނަށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީގެން ބަދަލު ހިފުމަށެވެ. ނަމަވެސް މިސައިލް ޙަމަލާތައް ދިންނަމަ އޭގެ ތިންގުނަ ބާރުގަދަ މިސައިލް ޙަމަލާތަކެއް ދޭނެކަމުގެ ހަރުކަށި އިންޒާރު އަސްކަރީ ހޮޓްލައިން މެދުވެރިކޮށް ޕާކިސްތާނުން އިންޑިއާއަށް ދިނެވެ. ނަތީޖާއަކަށްވީ އެމެރިކާ އެދޭތެރެއަށްވަދެ އިންޑިއާ ޕާކިސްތާނަށް ދޭން އުޅުނު މިސައިލް ހަމަލާ ހުއްޓުވުމެވެ.

އިންޑިއާއިން ޕާކިސްތާނަށް މިސައިލް ހަމަލާތައް ދިންނަމަ އިންޑިއާއާއި ޕާކިސްތާނާދެމެދު ހަނގުރާމަ ފެށުނީސް ކަމަށް ހުޅަނގުގެ ޑިޕްލޮމެޓުން ގާތްގަނޑަކަށް ޔަގީން ކުރެއްވިއެވެ. އިންޑިއާއާއި ޕާކިސްތާނަކީވެސް އަމިއްލަ ޓެކްނޮލޮޖީގައި މިސައިލް އުފައްދާ ދެގައުމެވެ. އެކި ބާވަތުގެ މިސައިލްތައް އެކި ރޭންޖްތަކުގައި އުފައްދާއިރު މީގެތެރެއިން އެންމެ މަޝްހޫރީ ޕާކިސްތާނުގެ "އަގްނީ" އާއި އިންޑިއާގެ "ޕްރިތިވީ" އެވެ. ނިއުކްލިއާ ހަތިޔާރަށް ބަލާއިރު ދެ ގައުމުގައިވެސް ގިނަ އަދަދަކަށް ނިއުކްލިއާ ހަތިޔާރު އެބަހުއްޓެވެ. ޕާކިސްތާނުގައި 150 ނިއުކްލިއާ ހަތިޔާރު ހުރިއިރު އިންޑިއާގައި 140 ނިއުކްލިއާ ހަތިޔާރު ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއާއި ޕާކިސްތާނަށް ބަލާއިރު އެދެގައުންކުރެ ކޮންމެ ގައުމެއްގައިވެސް އަނެއްގައުމެއްގެ ކޮންމެ ސަރަހައްދަކަށްވެސް ވަރުގަދަ އަދި ފަނާކުރަނިވި ހަމަލާތަކެއް ދިނުމުގެ ގާބިލުކަން އެބަހުއްޓެވެ. މުހިންމު ތަންތަނާއި މަރުކަޒުތަކާއި އިންފްރާސްޓްރަކްޗާ ބިމާ ހަމަކޮށްލުމުގެ ގާބިލުކަން އެބަހުއްޓެވެ. ޕާކިސްތާނުން އިންޑިއާގެ އަސްކަރީ ދެ ފައިޓާޖެޓް ވައްޓާލުމުން އޭގެ ރައްދު ނުދިނުމަށް އިންޑިއާއަށް އެންމެ ބޮޑަށް ބާރުއެޅީ އެމެރިކާއެވެ. ހާއްސަކޮށް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަންއެވެ.

ބޯލްޓަން މި މައްސަލާގައި ސީދާ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން އާ ގުޅުއްވައި މަސްރަހު ފިނިކުރައްވަން ބޮޑެތި މަސައްކަތްތަކެއް ކުރެއްވިކަމަށް ރިޕޯޓުތައް ބުނެއެވެ. ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތަކުން އިންޑިއާގެ ޕެރަމިލިޓްރީ ފުލުހުންނަށް ދިން ޙަމަލާއާ ގުޅިގެން ޕާކިސްތާނަށް އިސްވެ ހަމަލާ ދިނުމަށް ބޮޑުވަޒީރު މޯދީއަށް މަޖްބޫރުވެވަޑައިގަތީ އިންޑިއާގެ އާންމު އިންތިޚާބު ބޯމަތިވެފައިވުމާ އެހާލަތުގައި ޕާކިސްތާނަށް ހަމަލާދިނުމަކީ މޯދީގެ ގެއްލިފައިވާ ތާއީދު އާންމުންގެ ތެރޭގައި އިތުރުވެގެންދާނެކަމުގެ އުންމީދާއެކުގައެވެ.

ނަމަވެސް ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައި އޭގެތެރެއިން އެއްބޯޓުގެ ޕައިލެޓް ހައްޔަރުކޮށް ސުލްހައަށްޓަކައި އޭނާ ވަރަށް އަވަހަށް އިންޑިއާއާ ހަވާލުކުރުމަށް ޕާކިސްތާނުން ނިންމި ވިސްނުންތޫނު ނިންމުމުން މޯދީއާއި އޭނާގެ ޕާޓީ ކަމަށްވާ ބީޖޭޕީ ހީކުރި ގޮތާ ހިލާފަށް ދެގައުމުގެ ކުރިމަތިލުމުގެ ކުރިފަސް ލިބިގެންދިޔައީ ޕާކިސްތާނަށެވެ. މިކަން އިސްލާމް އާބާދާއި ނިއުދިއްލީގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމޭޓުންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑިއާއާއި ޕާކިސްތާނުގެ މަސްރަހު މިވަގުތަށް ފިނިވެފައި ވިޔަސް ކަޝްމީރުގައިވާ އެދެގައުގެ ލައިން އޮފް ކޮންޓްރޯލަކީ ދުނިޔޭގައިވާ އެންމެ ހޫނު އަސްކަރީ ޕޮއިންޓްތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދީ ރޮނގެވެ. އެދެގައުމުންވަނީ ކަޝްމީރުގެ މައްސަލާގައި ތިން ހަނގުރާމައެއް ކޮށްފައެވެ. އަދި ކަޝްމީރުގެ މައްސަލައަކީ ކުރިމަގުގައިވެސް އަވަސްގޮތަކަށް ހައްލު ފެންނަން އޮތް މައްސަލައެއް ނޫނެވެ.

comment ކޮމެންޓް