މިއަހަރު ނިމޭއިރު މަސްވެރިން ބާނަ މަހަށް ހަމައަގު ލިބޭނެ: ރައީސް

ރައީސް ސޯލިހް ކެނދިކުޅުދޫ އަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ރައީސަށް މަރުހަބާ ދަންނަވަނީ: އެ ރަށުގައި ރައިސް ސޯލިހް

މިއަހަރު ނިމެންވާއިރަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަސްވެރިން ބާނާ މަހަށް ހަމަ މަގު ހޯދައިދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މިއަދު ހަވީރު ނ. ކެނދިކުޅުދޫގައި ބޭއްވި އެމްޑީޕީ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މިފްކޯއާއި އެ ކުންފުނި ހިންގާ އެސްޓީއޯ އޮތީ "ހިނގައި ނުގަނެވޭ ވަރަށް" ދަރަނި އިންތިހާއަށް ބޮޑުވެފައި ކަމަށެވެ.

ނަމަވެސް މިހާރު އެސްޓީއޯ ހިންގުމަށް ގެނައި ބަދަލުތަކާއި މިފްކޯ ރީސްޓަކްޗާކޮށް ގެނުވުނު ބަދަލުތަކާއެކު މިއަހަރު ނިމެންވާ އިރަށް މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގޭ ކުންފުންޏަކަށް ވެގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެ ބަދަލުތަކާއެކު މަސްވެރިންނަށް މަހުގެ ހަމަ އަގު ލިބޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އެއާއެކު މަސްވެރިންނަށް ބޭނުންވާ މަހުގެ ހަމަ އަގު ލިބި، އެތަށް އެތަށް ލުއިތަކެއް މަސްވެރިންނަށް ލިބިގެންދާނެ،" ރައީސް ސޯލިހް ވިދާޅިވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ތެލުގެ ޑީސެލްގެ ޑިއުޓީ ކަނޑާލައި، ދަނޑުވެރިން ރާއްޖެ އެތެރެ ކުރާ ބަވަތްތަކުންވެސް ޑީއުޓީ މިހާރު ކަނޑާލައިފައިވާ ކަމަށެވެ.

އެމްޑީޕީ މަޖިލިސް ކެމްޕެއިން "އެޖެންޑާ 19" މަނިފެސްޓޯގައިވާ ކަންތައްތަކަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ ކަންކަން ކަމަށް ރައީސް ސޯލިހް ތަކުރާރު ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަންވާނީ އެ ވައުދުތައް ގަބޫލުކުރާ އެ ވައުދުތަކަށް ތާއީދު ކުރާ ބައެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް ދަތުރުކޮށް އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް ކެންޑިޑޭޓުންނަށް ދަނީ ކެމްޕެއިން ކޮށްދެވަމުންނެވެ. އެގޮތުން ރައީސް ސޯލިހް ވަނީ ވ. އަތޮޅާއި ޅ. އަތޮޅު އަދި ނ. އަތޮޅަށް ދަތުރު ކުރައްވާފައެވެ.

comment ކޮމެންޓް