ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ފިލިޕީންސް ވަކިކޮށްދީފި

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ

އދ. މަޖިލިސް (މާޗް 17): ޕިލިޕީންސުން އެދިފައިވާ ގޮތުގެ މަތިން "ބައިނަލްއަގްވާމީ ޖިނާއީ ކޯޓު" (އައިސީސީ) ގެ މުއާހަދާއިން އެގައުމު މިއަދު ވަކިކޮށް ދީފިއެވެ.

އދ. ގެ ތަރްޖަމާން އިރީ ކެނީކޯ ވިދާޅުވީ އައިސީސީ އިން ވަކިކޮށްދިނުމަށްއެދި މިދިޔައަހަރު ފިލިޕީންސްގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް އެގައުމު ވަކިކުރިކަން ރަސްމީގޮތެއްގައި އެގައުމުގެ ސަރުކާރަށް މިއަދު އަންގާފައިވާނެ ކަމުގައެވެ. "ބައިނަލްއަގްވާމީ ޖިނާއީ ކޯޓު" (އައިސީސީ) އަކީ ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި ވަކިވަކި ފަރުދުން ހިންގާފައިވާ ގިނައަދަދަކަށް މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތައްފަދަ ޖިނާއީ ބޮޑެތި ޖަރީމާތައް ބަލައި ތަހްގީގްކޮށް ކުށް ސާބިތުވާ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގައި ހުކުމް އިއްވުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން އެކުލަވާލި ކޯޓެކެވެ.

އެކޯޓު ވުޖޫދަށް އައީ 2002 ވަނަ އަހަރު އެކުލަވާލި ބައިނަލްއަގްވާމީ މުއާހަދާ ކަމަށްވާ ރޯމް ކޮންވެންޝަންގެ ދަށުންނެވެ. ނަމަވެސް އެ މުއާހަދާގައި ސޮއިކުރި ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތައް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް އިހްތިރާމެއް ނުކުރެއެވެ. އަދި އެކޯޓުގެ އަމުރުތައް ތަންފީޒެއްވެސް ނުކުރެއެވެ. އެމެރިކާ ފަދަ ބާރުގަދަ ގައުމުތައް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަމުއާހަދާގައި ބައިވެރިއެއް ވެސް ނުވެއެވެ.

އެކޯޓުގެ މުއާހަދާގައި ސޮއިކުރި ރަޝިޔާވެސް ދާދިފަހުން ވަނީ އެމުއާހަދާއިން ވަކިވެފައެވެ. ރަޝިޔާގެ އިތުރުން އެމުއާހަދާގައި ސޮއިކޮށްފައިވާ އެތައް ގައުމެއް ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައިވަނީ އެމުއާހަދާއިން ވަކިވެފައެވެ. މީގެތެރޭގައި އެފްރިކާގެ ބައެއް ގައުމުތައް ކަމަށްވާ ނެމީބިޔާ، ޔުގަންޑާ، ކެންޔާ، ދެކުނު އެފްރިކާ، ބުރުންޑީ، ރުވަންޑާ، ގެންބިޔާފަދަ ގައުމުތައް ހިމެނެއެވެ.

ދުނިޔޭގެ ގައުމުތައް ރޯމް ކޮންވެންޝަނުން ވަކިވުމަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޝަރްއިއްޔަތާމެދު ސުވާލު އުފެދި އެކޯޓުގެ ހައިބަތާއި ގަދަރު ވެއްޓިގެންދާ ކަމަކަށްވާތީ ފިލިޕީންސް ވަކިވި މައްސަލާގައިވެސް އެކޯޓުވަނީ ކަންބޮޑުވެފައެވެ. ރޯމް ކޮންވެންޝަންގައި ސޮއިކޮށްފައިވާ ގައުމުތަކުގެ އަދަދު 60 އަށް ވުރެ މަދުވެއްޖެ ނަމަ "ބައިނަލްއަގްވާމީ ޖިނާއީ ކޯޓު" (އައިސީސީ) އޮޓަމެޓިކުން އުވިގެންދާނެ އެވެ.

"ބައިނަލްއަގްވާމީ ޖިނާއީ ކޯޓު" ގައި ބައިވެރިވުމަށް ދުނިޔޭގެ ގައުމުތަކުން ޖެހިލުންވަނީ އެގައުމުތަކުގެ ސަރުކާރުތަކުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޒިންމާ އެ ގައުމުތަކުގެ ވެރިންނާއި ސިފައިން ފަދަ ފަރާތްތައް ނަގަންޖެހި އެކޯޓުން އެފަރާތްތަކާ ދެކޮޅަށް ހުކުމެއް އަތުވެދާނެތީ އެވެ. އެމެރިކާ އާއި އިސްރާއީލު ވެސް އެކޯޓު ދެކެ ބިރުގަންނަނީ އެހެންވެއެވެ.

ދުނިޔޭގެ ފެންވަރުގައި އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އެމެރިކާއާއި އިސްރާއީލާއި ރަޝިޔާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެއެވެ. އެމެރިކާ އިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ބައިވެރިވުމަށް ދެކޮޅު ހަދަނީ އެމެރިކާ އިން އިރާގާއި އަފްޣާނިސްތާނާ ދެކޮޅަށް ހަނގުރާމަކޮށް އެދެގައުމުގެ އެތަށް ލައްކަ ބަޔަކު މަރާލި ޖަރީމާތަކުގެ ޒިންމާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އާއި އެމެރިކާ ސިފައިންނާއި ކޮމާންޑަރުންގެ އެތަށް ހާސްބަޔަކު އުފުލަން ޖެހިދާނެތީއެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ފިލިޕީންސާއި އެފްރިކާގެ ކުދި ގައުމުތައް ވަކިވަމުންދަނީ ޖިނާއީ މައްސަލަތައް ބެލުމުގައި އެކޯޓުން އިންސާފު ނުގެންގުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.

އެފްރިކާގެ ގައުމުތައް ނިކަމެތި ވުމުން "ބައިނަލްއަގްވާމީ ޖިނާއީކޯޓު" ން އެފްރިކާގެ ގައުމުތަކުގެ ރައީސުންގެ މައްސަލަތައް ބަލާފައި ބާރުގަދަ ގައުމުތަކުގެ ރައީސުންގެ މައްސަލަތައް ދޫކޮށްލާކަމުގެ ތުހުމަތު އެފްރިކާގެ ގައުމުތަކުން އެކޯޓުގެ މައްޗަށް ކުރެއެވެ.

"ބައިނަލްއަގްވާމީ ޖިނާއީ ކޯޓު" ން ވަކިވުމަށް އެދި ފިލިޕީންސުން ހުށަހެޅީ އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރަތްތަކާ ދެކޮޅަށް ފައްޓަވާފައިވާ ހަނގުރާމައިގާ އެތަށް ބަޔަކު ޝަރީއަތުގެ ބޭރުން މަރަމުންގެންދާ މައްސަލަ އެކޯޓުން ބަލަން ފެށުމުންނެވެ.

އެހަނގުރާމަ ފެށީ މަސްތުވާތަކެތީގެ ސަބަބުން ގައުމު ހަލާކުވާ ހިސާބަށް ކަންތައްތައް ގޮސްގެންކަމަށް ޑުޓާޓެ ވިދާޅުވެއެވެ. "ބައިނަލްއަގްވާމީ ޖިނާއީކޯޓު" ން ވަކިވެފައިވާ ގައުމެއްގެ ނުވަތަ އެކޯޓުގެ މުއާހަދާގައި ނުހިމެނޭ ގައުމެއްގެ ފަރުދެއްގެ މައްސަލަ އެކޯޓަށް ބެލޭނީ އދ. ގެ ސަލާމަތީ މަޖިލީހުން އެކަން ބެލުމަށް ޚާއްސަ ގަރާރެއް ފާސްކޮށްގެންނެވެ. ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ އެމެރިކާ، ޗައިނާ އަދި ރަޝިޔާ ފަދަ ގައުމުތަކަކީ ވަރަށް ވާދަވެރި ގައުމުތަކެއް ކަމަށްވާތީ އެ މަޖިލީހުން ގަރާރެއް ފާސްކޮށްގެން އެފަދަ މައްސަލަ ބެލުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް ވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް