ސިރޫ އާޓްސް ޕޭޖު ފޭސްބުކުން ބޭރުކޮށްލައިފި

ސިރޫ އާޓްސް ޕޭޖް ހިންގާ މުހައްމަދު ސިރުހާން---

ސިރޫ އާޓްސް ނަމުގައި ފޭސްބުކްގައި ހިންގަމުންދާ ރާއްޖޭގެ ޕޭޖް ފޭސްބުކް އިން ބޭރުކޮށްލައިފި އެވެ.

އެ ޕޭޖް ހިންގާ މުހައްމަދު ސިރުހާން ޓުވިޓާގައި ބުނީ އެ ޕޭޖް ފޭސްބުކުން ބޭރުކޮށްލި ކަމަށާއި އަދި މިހާރު އާ ޕޭޖެއް ހަމަ އެނަމުގައި ހަދައިފައިވާ ކަމަށެވެ.

"[ޕޭޖު] ދުއްވާލީމާ އަލުން އެނބުރިއައީ. އަނެއްކާ ވެސް އެނބުރި އަންނާނީ. ނުހުއްޓުވޭނެ." ސިރުހާން ބުންޏެވެ.

އެ ޕޭޖު ބޭރުކޮށްލި ސަބަބެއް ސިރުހާން ނުބުނެ އެވެ. ނަަމަވެސް އާންމުކޮށް އެފަދަ ޕޭޖުތައް ފޭސްބުކުން ނަގަނީ ފޭސްބުކުން ހަދައިފައިވާ ސުލޫކީ މިންގަނޑުތަކަށް ނުފެތޭތީ އެވެ.

ސިރޫ އާޓްސްއަކީ ދީނީ އެކި އެކި ކަންތައްތަކާ މެދު ސިރުހާން ދެކޭ ގޮތް ހާމަކޮށް ތަފާތު ޕޯސްޓުތައް ފޭސްބުކް އަދި ޓުވިޓާގައި ޕޯސްޓް ކުރާ ފަރާތެކެވެ.

މިދިޔަ ޖެނުއަރީ މަހު ސިރުހާން ވަނީ، އެ ޕޭޖުގައި ޝާއިއުކުރާ ވާހަކަތަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ.

ސިރުހާން ބުނީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ފަދައިން ރާއްޖޭގެ ދީނީ ހަމަނުޖެހުމަށް ހުރަސްއެޅޭ ފަދަ ވާހަކަތައް ޕްރޮމޯޓްކުރާ މީހުން ވެސް އެތަނަށް ހާޒިރުކޮށް ހިފައި ހައްޔަކުރަން ޖެހޭނެ ކަމަށެވެ.

އަދި ފުލުހުން ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރަމުންދާ މަސައްކަތަށާއި އަދި އޭނާ އަށް ދިން އެއްބާރުލުމަށް ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ހަމަނުޖެހުން އުފެދޭނެ ވާހަކަ މީސް މީޑިއާގައި ނުދެއްކުމަށް ފުލުހުން ވަނީ ދާދި ފަހުން އިލްތިމާސްކޮށްފި އެވެ. އަދި މީސް މީޑިއާގައި އެކި ފަރާތްތަކުން މުޖުތަމައުގައި ހަމަނުޖެހުން އުފެދޭނެ ވާހަކަތައް ދައްކައި އެކަކު އަނެކަކަށް އިންޒާރުދީ ހަދާތަން ފެންނަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރުމުގެ ނަމުގައި ފާޑު ފާޑުގެ ފިތުނަ އުފައްދަން ޖާގަ ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް