ހެލްމެޓާ އެކު ފެރީތަކަށް ޑިމާންޑު ބޮޑުވެއްޖެ: އެމްޓީސީސީ

އެމްޓީސީސީގެ ޕްރީމިއަމް ލިންކް ފެރީއެއް --- ފޮޓޯ/ އެމްޓީސީސީ

ބްރިޖު މަތިން ސައިކަލުގައި ދަތުރުކުރާ ނަމަ ހެލްމެޓު ބޭނުންކުރުން މަޖުބޫރު ކުރުމާ އެކު އެމްޓީސީސީގެ ފެރީއަށް ބާރުބޮޑުވެއްޖެ އެވެ.

އެކުންފުނީގެ ޓްރާންސްޕޯޓް ޑިވިޝަންގެ އެޗްއޯޑީ މުހައްމަދު ނާޒިމް މިއަދު "ސަން" އަށް ވިދާޅުވީ ފާއިތުވި ހަފްތާ އިން ފެށިގެން ފެރީ އިން ދަތުރުކުރާ މީހުންގެ އަދަދު 10-20 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.

މިމަހުގެ 10 އިން ފެށިގެން ސިނަމާލެ ބްރިޖާއި، ބްރިޖާ ގުޅިފައިވާ ލިންކުރޯޑުގައި ސައިކަލު ދުއްވާ ނަމަ ހެލްމެޓު އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ނާޒިމް ވިދާޅުވީ ކޮންމެ މީހަކު އަމިއްލަ ސައިކަލެއް ދުއްވުމަށް ވުރެ، ޕަބްލިކް ޓްރާންސްޕޯޓު އިހުތިޔާރު ކުރުމަކީ މަގުތައް ތޮއްޖެހުމާއި ޕާކު ކުރުމުގެ ދަތިކަން އަދި ވިހަ ގޭސްތައް ޖައްވަށް ދޫވުމަށް އޮތް ހައްލެއް ކަމަށެވެ.

"ފެރީ އާއި ބަސް ވެސް ބޭނުން ކުރުން އިތުރުކުރަންވީ. ވަކިން ސައިކަލު ދުއްވުމަށް ވުރެ މިއީ މަގުތައް ތޮއްޖެހުމަށް ވެސް އޮތް ހައްލެއް،"

ނާޒިމް ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ހަރުދަނާކުރުމަށް ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ދަންވަރު 12:30 އާ ހަމައަށް އޮންނަ މާލެ-ހުޅުމާލެ ފެރީގެ ހިދުމަތް އިތުރަށް ފުޅާކުރަން މަޝްވަރާކުރަމުންދާ ކަމަށް "ސަން" އަށް ވަނީ އެނގިފަ އެވެ.

comment ކޮމެންޓް