ޒިދާން އެނބުރި އައިސް ރެއާލްއަށް ތަފާތު ދައްކައިފި

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން އަދި އެ ޓީމުގެ މިޑްފީލްޑަރު އިސްކޯ --- ފޮޓޯ/ ޑޮމް ފެރަލް

ރެއާލް މެޑްރިޑްގެ ކޯޗު ކަމުން ސަންޓިއާގޯ ސޮލާރީ ވަކިކުރުމަށް ފަހު އެ ޓީމުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކޯޗު، ޒައިނުއްދީން ޒިދާން ޓީމުގެ ކޯޗު ކަމާއި ހަވާލު ވުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ވެސް ތަފާތު ފެނިގެން ހިނގައްޖެ އެވެ.

ރޭ ސްޕެނިޝް ލީގުގައި ސެލްޓާ ވީގޯއާއި ރެއާލް މެޑްރިޑް ވާދަ ކުރި މެޗު 0-2ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ރެއާލް އެވެ. އެ މެޗުން ލިބުނު މޮޅާ އެކު ރެއާލް ވަނީ ތާވަލުގެ ދެވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑްއާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. އަދި ރޭގެ މެޗުން ބަލިވެ ސެލްޓާ ވީގޯ ވަނީ ރެލިގޭޝަނަށް ވެއްޓިފަ އެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން -- ފޮޓޯ/ ޑޮމް ފެރަލް

ޖެހިޖެހިގެން ތިން ފަހަރު ރެއާލް މެޑްރިޑްއަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް ފަހު މި ސީޒަން ފެށުމުގެ ކުރިން ރެއާލް މެޑްރިޑް ދޫކޮށްލިކަން ޒިދާން ވަނީ އަންގައިފަ އެވެ. އޭގެ ފަހުން ރެއާލްއަށް ދެ ކޯޗުން ގެނެސް ކާމިޔާބެއް ނުލިބި މީގެން ޒަމާނަކު ވެސް އެ ޓީމު ނުވެއްޓޭހާ ބޮޑު ވަޅުގަނޑަކަށް ޓީމު ވެއްޓިފައި ވުމުން ރެއާލްގެ ރައީސް ފުލޮރެންޓީނޯ ޕެރޭޒްގެ އެދުުމުގެ މަތިން ޒިދާން އެ ކުލަބުގެ ކޯޗު ކަމަށް އެނބުރި އައީ ބޮޑެތި އުންމީދުތަކަކާ އެކު ކަމަށް ޒިދާން ބުންޏެވެ.

ރޭގެ މެޗުގައި ރެއާލުން ޖެހި ދެ ގޯލު އެ ޓީމަށް ޖަހައިދިނީ އިސްކޯއާއި ގެރެތް ބޭލް އެވެ.

ޒިދާން ރެއާލް މެޑްރިޑްއާ ހަވާލުވުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި، މި ސީޒަނުގައި ބޭނުން ކުރަމުން އައި ފުރަތަމަ އެގާރައަށް ބޮޑު ބަދަލެއް ގެނެސް އޭނާގެ ގޭމް ޕްލޭން ވަނީ އެކުލަވާލައިފަ އެވެ.

އެގޮތުން މި ސީޒަންގައި ރެއާލްގެ ސްކޮޑުން މަދުން ނޫނީ ނުފެންނަ މިޑްފީލްޑަރު އިސްކޯ އަދި އެ ޓީމުގެ ކީޕަރު ކޭލޯ ނަވާސްގެ އިތުރުން މާސެލޯ ވިއެރާ ވަނީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މި ކުޅުންތެރިންނަކީ ޒިދާން ކުރިން އެ ޓީމުގެ ކޯޗު ކަމުގައި ހުރި އިރު ޓީމުގައި ގަވާއިދުން ހެމެނެމުން އައި ތިން ކުޅުންތެރިންނެވެ.

comment ކޮމެންޓް