ގާސިމްގެ ނިންމެވުމަކީ ރައީސް ސޯލިހަށް އަރުވާ ހަދިޔާއެއް: އަމީން

ޔާމީންގެ ވެރިކަމުގައި އަމީން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރަނީ ---

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއީދު ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވި ނިންމެވުމަކީ ރާއްޖޭގެ މުސްތަގިއްލުކަން ކަށަވަރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާ ހަދިޔާއެއް ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ 32 ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ނިންމަވައިފަ އެވެ. އެކަމާ ގުޅިގެން ޖޭޕީގެ އިސް ފަރާތްތަކުން އެ ޕާޓީ އަށް އަދި ގާސިމްގެ އެ ނިންމެވުމަށް ފާޑު ވިދާޅުވި އެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް 19 އާ ގުޅިގެން ގާސިމް ނިންމެވި ނިންމެވުމަށް ފާޑު ވިދާޅުވެ، ގާސިމާއި ޕާޓީގެ އަގު ވެއްޓޭ ގޮތަށް އަމަލު ކުރައްވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

"ލީޑަރުގެ ނިންމެވުން ހަރުދަނާ ނުވި ނަމަ އަޅުގަނޑުމެން ބައިވެރިވާ ސަރުކާރެއް ގެނެވި މިފުރުސަތު ލިބުނީސްތޯ." އަމީންގެ ޓްވީޓްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާސިމްގެ އެ ނިންމެވުމުގެ މާނައަކީ އަނިޔާ އާއި ކޮރަޕްޝަނަށް އާއެކޭ ބުނުމެއް ނޫން ކަމަށެވެ. އަދި ގާސިމްގެ ނިންމެވުމަކީ ރާއްޖޭގެ މުސްތަގިއްލުކަން ކަށަވަރު ކުރުމަށް ރައީސް ސޯލިހަށް އަރުވާ ހަދިޔާއެއްކަން ފަހުން ގަބޫލު ކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ.

ގާސިމް މިދިޔަ ހަފްތާގައި ވަނީ އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނެރުއްވާ 32 ކެންޑިޑޭތަކަށް ތާއީދު ކުރެއްވުމަށް ނިންމަވައިފަ އެވެ. އެ ނިންމުމަށް ޖުމްހޫރީ ޕާޓީގެ ބައެއް އިސް ފަރާތްތަކުން ދަނީ ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ގާސިމްގެ އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަލީ ވެސް ވަނީ ގާސިމްގެ އެ ނިންމުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އޭގެ އިތުރުން އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެ ޕާޓީގެ ނައިބު ލީޑަރު އަދި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހްމަދު ވެސް ވަނީ އެ ޕާޓީގެ ނިންމުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

comment ކޮމެންޓް