ނައިފަރުގެ މަގުތައް ހަދައި ބިން ހިއްކުމުގެ މަސައްކަތް ކޮށްދޭނަން: ރައީސް

ޅ. ނައިފަރު -- ފޮޓޯ: ފޭސްބުކް

ޅ. ނައިފަރުގެ މަގުތައް ހަދައި ބިން ހިއްކުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެތުގައި ނައިފަރު ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ކާރިމްގެ ކެމްޕެއިން ލޯންޗު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނައިފަރުގެ ނަރުދަމާގެ މަސައްކަތް ނިމުނުހާ އަވަހަކަށް ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ނައިފަރުގެ މަގުތަކަކީ އަޑިގުޑަންތައް ގިނަ ދުއްވާ އެއްޗެހި ދުއްވަން އުނދަގޫ މަގުތަކެކެވެ. ވިއްސާރަވެއްޖެ ނަމަ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ ރައްޔިތުން ޒަމާނުއްސުރެ ކުރަމުންދާ ޝަކުވާއެކެވެ.

ރައީސް ވަނީ ނައިފަރަށް އިތުރު ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލް ރަތައްގީކޮށް ހިދުމަތްތައް ފުޅާކޮށް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، ރަށުގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، ރަށަށް ބޭނުންވާ ކެޕޭސިޓީ ނެތްކަން ފާހަގަކުރައްވާ ރައީސް ވަނީ ރަށުގެ ފެނާއި ނަރުދަމާގެ ކެޕޭސިޓީ އިތުރުކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެ ވަަޑައިގެންފަ އެވެ.

މީގެ އިތުރުން ނައިފަރަށް 1000 ކިލޯ ވޯޓުގެ ޖެނެރޭޓަރެއް ނައިފަރުގެ އިންޖީނުގެއަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނައިފަރުގައި އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތް މިހަފްތާގައި ޓެންޑަރަށް ހުޅުވާލާނެ ކަމަށާއި މި ސަރުކާރުގެ ވެރިކަމުގައި ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް