މާލެއާ ގުޅީ ފަޅު ގުޅުވާލުމުގެ ވިސްނުން ސަރުކާރުގެ އެބައޮތް: ފައްޔާޒު

އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަން: ގުޅީ ފަޅާއި މާލެ ގުޅުވާލުމުގެ ވިސްނުން މި ސަރުކާރުގައި އެބަހުރި ކަމަށް ފައްޔާޒު ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

ގުޅީ ފަޅު ހިއްކައި މާލެ އާ ގުޅުވާލުމާ މެދު މި ސަރުކާރުގެ ވިސްނު ގެންގުޅޭ ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމަށް މި ސަރުކާރުން ހައްލު ހޯއްދަވާދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެ އެވެ.

ރޭ އެމްޑީޕީން ބޭއްވި މަޖިލިސް ކެމްޕެއިންގެ އެޖެންޑާ 19 - "ފަހުވެރި އާއިލާ" ބޯހިޔާވަހިކަމުގެ ޕެނަލް ޑީސްކަޝެންގައި ބައިވެރި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާވީ، ފުލެޓް ހައްގުވާ ބައެއް މީހުން ހުޅުމާލެ އިން ފްލެޓާއި ގޯތި ބޭނުންވާ އިރު، ގުޅިފަޅުން ފްލެޓާއި ގޯތި ބޭނުންވާ ބަޔަކު ވެސް އެބަތިބި ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ފްލެޓު ދިން ގޮތް ބެލުމަށް އުފެއްދި ކޮމިޓީން ވީހާ ވެސް އަވަހަށް ފުލެޓް ހައްގުވާ ފަރާތްތަކަށް އެބަދަލު ދިނުމުގައި ގޮތެއް ނިންމާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގެ އެބައޮތް ގުޅީފަޅު ހިއްކުން ވެސް. މާލެ އާ ގުޅުވާމުން ވެސް،" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި ޕެނަލްގައި ޑިސްކަޝަންގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި އެ ޕާޓީގެ ބައެއް ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ އެމްޑީޕީ

ފައްޔާޒު ވިދާޅުވީ، އައްޑޫ ސިޓީ އާއި ލ، ހއ. އަދި ހދ. ފަދަ އަތޮޅުތައް މޭލެ އެކޭ އެއް ފެންވަރަށް ވަރުގަދަ ސެންޓަރަކަށް ހަދުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން މާލެ ތޮއްޖެހުން ކުޑަ ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އައްޑު އަތޮޅު އެއްކޮށް އައްޑޫ އަކީ މާލެއެކޭ އެއްވަރަށް ނުވަތަ މޭލެއެކޭ އެއްވަރު ވަރުގަދަ ސެންޓަރަކަށް ހެދުން. ހަމަ އެގޮތަށް ލ. އަތޮޅު، އެގޮތަށް ހއ. ހދ.ގެ ސެންޓަރުތަކެއް ހެދުމަށް،"

ފައްޔާޒު ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ފަސް އަހަރު ނިމިގެންދާ އިރު، މާލެއަކީ އަންނަން ނުޖެހޭ ތަނަކަށް ހަދާނެ ކަމަށާއި "މާލެ ރައްޔިތުން ދާން ޖެހެނޭ އެތަންތަނަށް" ކަން ސަރުކާރުން ދައްކައިދޭނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ބޭނުން ވަނީ، 17،000 އެއްހާ ފުލެޓް ކަމަށެވެ. އެ އަދަދަށް ފުލެޓް އެޅުމަށް ބޭނުން ވަނީ 17 ބިލިއަނެއްހާ ރުފިޔާ ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އެބަ ގެންދަވާ ކަމަށެވެ.

"[ކުލި އަގުބޮޑުވުމުގެ] މައްސަލައިގެ ހައްލަކީ އެ ހުރިހާ އެންމެންނަށް ފުލެޓް ލިބުމުން، ދެން އިތުރަށް ކުއްޔަށް ހިފާކަށް ނުޖެހޭނެ. ސަޕްލައި އެންޑް ޑިމާންޑްގެ މަސައްލަ އެއް މިއުޅެނީ. މިހާރު ވާގޮތަކީ ސަޕްލައި އަށް ވުރެ ޑިމާންޑް ބޮޑީ. އެހެން ވީމަ އަގުބޮޑުކޮށް އެ ކުއްޔަށް އެ ދެވެނީ. އަގުތައ ްތިރިވެ ނުވަތަ އެންމެންނަށް ފުލެޓް ދިނުމުން [ބޮޑު އަގުގައި] ފުލެޓް ދެވޭކަށް ނޯންނާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ގުޅީ ފަޅު ހިއްކުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ފައްޔާޒު ވިދާޅުވި އިރު، މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީ ބުރިޖަކުން ގުޅުވާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ނިމިދިޔަ ރިޔާސީ ކެމްޕެއިންގައި ރައްޔިންނަށް ވި ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް