ދޭދޭ ގައުމުތަކުގެ މެދުގައި ފިތުނަ އުފައްދަން ކުރާ މަސައްކަތަކަށް ޖާގައެއް ނުދޭނަން: ރައީސް

ރައީސް ޅ. ނައިފަރުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ/ޓްވިޓާ

ދޭދޭ ގައުމުތަކުގެ މެދުގައި ފިތުނަ އުފައްދަން، ކުރާ އެއްވެސް މަސައްކަތަކަށް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޅ. ނައިފަރު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު، މުހައްމަދު ކާރިމްގެ ކެމްޕެއިން އިފްތިތާހުކޮށްދެއްވުމަށް ނައިފަރަށް ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މައުލޫމާތު ފެތުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރި ހުރިހާ ގާނޫނުތަކެއް އެމަނިކުފާނުގެ ވެރިކަމުގެ ފުތަރަމަ ދުވަސްތަކުގެ ތެރޭގައި ބާތިލް ކޮށްފައިވާނެ ކަމަށެވެ.

އެހެންނަމަވެސް، ގައުމުގެ މަސްލަހަތު ގެއްލުވާލާއި އަމަން އަމާންކަން ގެއްލުވާލާ އެއްވެސް ވާހަކައަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިނިވަންކަމާ އެކު އަޑުއުފުލައި، ހިޔާލު ފާޅުކުރުމުގެ ފުރުސަތު މި ސަރުކާރުގައި އެންމެންނަށް ވެސް ލިބިފައި އޮންނާނެ. އެހެންނަމަވެސް ގައުމުގެ މަސްލަހަތު ގެއްލުވާލައި އަމަން އަމާންކަން ގެއްލުވާލައި ދޭދޭ ގައުމުތަކުގެ ދޭތެރޭގައި ފިތުނަ އުފައްދަން، އަޅުގަނޑުމެންނާ ގާތް ގުޅުން އޮންނަ ގައުމުތަކާ މެދުގައި ފިތުނަ އުފައްދަން ކުރާ އެއްވެސް މަސައްކަތަކަށް އަޅުގަނޑުމެން އެ ޖާގައެއް ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިފަދައިން ވިދާޅުވި އިރު، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަޑުއުފުލުމަށް ރޭ އާޓިފިޝަލް ބީޗުގައި ބާއްވަން އުޅުނު އިވެންޓު ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.

ޕީއެންސީ އާއި ޕީޕީއެމް ކޮންގްރެސް އިން އެދިގެން އާޓިފިޝަލް ބީޗު ދޫކުރި ނަމަވެސް، ފުލުހުން ބުނީ އެތަނުގައި ހިންގަން އުޅުނު އިވެންޓު ހުއްޓުވީ އެތަން ދޫކުރި ފަރާތް ފިޔަވައި އެހެން ފަރާތަކުން އެތަނުގައި އިވެންޓް ބާއްވާތީ ކަމަށެވެ. ރޭގެ އިވެންޓުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވެވަޑައިގަތުމަށް އޮތީ ހަމަޖެހިފަ އެވެ.

އެކަމާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ ރޭ އޮތް އިވެންޓުގައި ރާއްޖޭގެ މިނިވަންކަމާ ބެހޭ ވަރަށް މުހިއްމު ވާހަކައެއް ދައްކަވަން އުޅުއްވި ކަމަށެވެ. އެ ވާހަކަތައް ރައްޔިތުންނަށް ތިލަކޮށްދެއްވަން މަސައްކަތް ކޮށްދެއްވީ އިންޑިއާގެ އަމަލުތައް ހުރި ގޮތުން ރާއްޖޭގެ މިނިވަންކަން ގެއްލޭހިސާބަށް ދާތީ ކަމަށް ވެސް އުމަރު ރޭ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެކަންތައް ފުރިހަމަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

އިންޑިއާ އިން ރާއްޖެ ހަދިޔާ ކުރި ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ ނަމުގައި އިންޑިއާގެ 64 ސިފައިން ރާއްޖޭގައި ތިބެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިން އިންޑިއާ އިން ފުރަތަމަ ހެލިކޮޕްޓަރެއް ދިނީ އެއް އަހަރު ދުވަހުގެ ތެރޭގައި ދިވެހިން ތަމްރީންކޮށް ހެލިކޮޕްޓަރު ދިވެހިންނާ ހަވާލު ކުރުމަށެވެ. ނަމަވެސް 10 އަހަރުވާން ގާތްވާ އިރު، އިތުރު ހެލިކޮޕްޓަރެއް "ހަދިޔާކޮށް" އެ ދެ ހެލިކޮޕްޓަރު ވެސް އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ.

comment ކޮމެންޓް