ނިއުޒިލެންޑުގައި މުސްލިމުންނަށް ދިނީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށް އދ. އިން ސިފަކޮށްފި

ނިއުޒީލޭންގެ މުސްލިމުން، ޓެރަރިސްޓް ހަމަލާތަކަށްފަހު ބިރުވެރި ކަމުގެ ތެރޭގައި --

ނިޔުޔޯކް ( މާޗް 16) : ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަށް ހުކުރުދުވަހު ދިން ޙަމަލާތަކަކީ ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކެއް ކަމަށް ސިފަކޮށް އދ. ގެ ސަލާމަތީ ،މަޖިލީހުން އެ ހަމަލާތައް ކުށްވެރިކޮށްފިއެވެ.

އެޙަމަލާތަކާ ގުޅިގެން ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނެއްގައި އެއީ ފިނޑި ބަޔަކު ދިން ބައިނަލްއަގްވާމީ އަމަނާއި ސަލާމަތް ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދިޔަ ޓެރަރިސްޓް ހަމަލާތަކެއް ކަމަށް ސިފަކޮށްފައިވެއެވެ. އަދި އެއީ ދުނިޔޭގައި ހިންގާ އެންމެ ބޮޑެތި ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ޖަރީމާއެއް ކަމަށްވެސް ބުނެފައިވެއެވެ.

ކްރައިސްޗާޗުގެ ދެ މިސްކިތަށް ހުކުރު ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކުގެ މައްސަލަ ސަލާމަތީ މަޖިލީހަށް ހުށަހެޅީ އިންޑޮނީޝިޔާގެ ތާއީދާއެކު ކުވައިތުންނެވެ. އެމައްސަލަ ހުށަހަޅަމުން އެއީ ބައިނަލްއަގްވާމީ އަމަނާއި ސަލާމަތަށް ނުރައްކާވެގެންދިޔަ ހަމަލާތަކެއް ކަމަށް ކުވައިތުން ބުނެފައިވެއެވެ. ކްރައިސްޗާޗުގެ ޓެރަރިސްޓް ހަމަލާތަކުގައި ނިއުޒީލެންޑުގެ މުސްލިމުންގެ 49 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވާއިރު އޭގެތެރޭގައި މުސްލިމް އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

ސަލާމަތީ މަޖިލީހުގެ މެންބަރުންވަނީ އެޙަމަލާތަކުގައި މަރުވެދިޔަ މީހުންގެ އާއިލާތަކަށް ލިބިގެންދިޔަ ހިތާމައިގާ ބައިވެރިވުމުގެ ގޮތުން ކޮޅަށްތެދުވެ އެއްމިނިއްޓުގެ ސުކޫތެއް ގެނެސްފައެވެ.

ނިއުޒީލެންޑްގައި މުސްލިމުންނަށް އަމާޒުކޮށް ހިންގި ބިރުވެރި ގަތުލުއާންމަށް ފަހު ހުޅަނގުގެ ގައުމުތަކުގެ މުސްލިމުންވެސްވަނީ އެފަދަ ގަތުލު އާންމެއްގެ ޝިކާރައަކަށް އެމީހުން ވެދާނެކަމުގެ ބިރު އިޙްސާސް ކުރަން ފަށާފައެވެ. މިގޮތުން އެޙަމަލާތަކަށްފަހު އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ހުޅަނގުގެ ގައުމުތަކުންވަނީ އެގައުމުތަކުގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އެތަންތަން ބަލަހައްޓަން ފަށާފައެވެ. (ރޮއިޓާސް)

comment ކޮމެންޓް