ވައުދުތައް ފުއްދުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރަން މަޖުބޫރު: ރައީސް

ރައީސް ސޯލިހު މިރޭ ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް ވައުދުތަކެއް ވެގެން ކަމަށާއި އެ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރަން މަޖުބޫރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޅ.އަތޮޅުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ

"އަޅުގަނޑު ވެރިކަމަށް އައީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ވައުދުތަކެއް ވެގެން. އެ ވައުދުތަކަކީ އަޅުގަނޑާ އެކީގައި އަޅުގަނޑަށް ތާއީދު ކުރާ ހުރިހާ ޕާޓީއަކާއި ހުރިހާ ބޭފުޅުން ގަބޫލު ކުރެއްވި ވައުދުތަކެއް. އެ ވައުދު ތަކަކީ އަޅުގަނޑު ރައްޔިތުންނަށް ފުއްދައި ދޭންޖެހޭ ވައުދުތަކެއް،" ރައީސް ވިދާޅުވިއެވެ.

"މި ވައުދުތަކުގައި އެއް އަޑަކުން އެއް ބަހަކުން އޭރު، މިދެންނެވި ހުރިހާ ބޭފުޅުން އަޅުގަނޑާ އެކީގައި ނިކުމެ ތިއްބެވީ. އަޅުގަނޑަކަށް މިއަދަކު ނެތް އެ ވައުުދުތަކާ ދުރަށް ދެވޭކަށް، އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކާ ކުރަންޖެހޭ ހުރިހާކަމެއް ކުރަން އަޅުގަނޑަށް މިއޮތީ މަޖުބޫރުވެފައި،" ރައީސް ވިދާޅުވީ ސަރުކާރުން ފަސް އަހަރު ތެރޭ ކުރާނެ ކަންކަމުގެ މާސްޓާޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގައި އެންމެ ހިނދުކޮޅަކަށްވެސް މަދު ނުޖެހޭނެ ކަމަށެވެ.

ވައުދުތައް ފުއްދުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑު ކަމަށާއި މަޖިލީހުގައި ތިބެންވާނީ ސަރުކާރުގެ ވައުދުތައް ގަބޫލުކުރާ މެންބަރުން ކަމަށާއި އެހެން ނޫންނަމަ ސަރުކާރުގެ ވައުދުތައް ފުއްދުން ދަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ގާނޫނުގެ ތެރެއިން ބާރު ހޯދަންޖެހޭ އެތައް ކަމެއް އެބަހުރި. މަޖިލީހުގެ ތެރެއިން ކަންތައްތަކަށް ތާއީދު ކުރާ ބަޔަކު ނެތްނަމަ އަޅުގަނޑަށް ސަރުކާރު ހިންގަން ދަތިތަކާ ކުރިމަތިވާނެ،" އެއީ މީގެ ކުރިންވެސް ތަޖުރިބާކޮށްފައިވާކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު، ކޮރަޕްޝަނާއި މަރުތައް ބެލުމަށް ރައީސް ސޯލިހް ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ފާސްކޮށްފައެއް ނުވެއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ބިލް ގާނޫނު އަސާސީއާ ގެ ރޫހާ ހިލާފު ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަށް ބާރުދޭ ބިލް ކޮމެޓީން ނިންމި ގޮތަށް ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށް ތިން ފަހަރެއްގެ މަތިން އެޖެންޑާ ކުރިއެވެ. ނަމަވެސް ގާނޫނީ އަދަދަށް ބޭނުންވާ މެމްބަރުން ހަމަ ނުވެގެން ވޯޓަށް އެހޭ ގޮތް ވަނީ ނުވެފައެވެ.

އެންމެ ފަހުން މިދިޔަ މަހު 27 ވަނަ ދުވަހު އެ ބިލް ވޯޓަށް އެހުމަށް އެޖެންޑާ ކުރި ނަމަވެސް ފަހުން އެ ބިލަށް ވޯޓަށް އެހުން އެޖެންޑާ އިން ވަނީ ނަގާފައެވެ. މަޖިލިސް ރިޔާސަތުގައި އެދުވަހު އިންނަވައިގެން އެޖެންޑާއިން ބިލު ނެގި ސަބަބު ހާމަ ކުރައްވައި ގާސިމް ވިދާޅުވީ ކޮމެޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅާފައިވަނީ މިނިވަން މުއަސަސާތަކާ ބޭހޭ ކޮމެޓީން ނިންމެވި ގޮތަކަށް ނޫން ކަމަށް ބުނެ ކޮމެޓީ މެމްބަރުން މައްސަލައެއް ހުށަހަޅާފައިވާތީ ކަމަށެވެ. އަދި އެކަން ތަހުގީގުކޮށް ބެލުމަށް ފަހު ނޫނީ ބިލު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ހިންނަވަރުގައި ވާހަކަ ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރީ ރާއްހެ އޭރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރަން ޖެހިފައިވާކަން ގަބޫލު ކުރެވޭތީ ކަމަށެވެ.

"އަޅުގަނޑު މިވެރިކަމުގައި ހުރިހާދުވަހަކު އިރާދަ ކުރެއްވިއްޔާ އެއިން އެއްވެސް ބޭފުޅެއްގެ މަތިން ހަނދާން ނެތިގެންނެއް ނުދާނެ. އަދި އަޅުގަނޑު މިއަދު ކުރަން ނިކުމެ މިހުރި މަސައްކަތަކުން އެއިން އެއްވެސް ބޭފުޅަކަށް ދެރަގޮތެއް ވިޔަކަވެސް ނުދޭނަން،" ރައީސް މިއަދުވެސް ވިދާޅުވިއެވެ.

comment ކޮމެންޓް