ކްރައިސްޓްޗާޗު ހަމަލާއިން ސަލާމަތްވި ބައެއް މީހުންގެ ވާހަކަ، އެ މީހުންގެ ދުލުން

ހަމަލާއަށްފަހު ޒަހަމްވި މީހުންނާއި ހާދިސާއިން ސަލަާމަތްވި މީހުން ފުލުހުންގެ އެހީގައި ސަރަހައްދުން ދަނީ---

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗު ގައި މިއަދު މެންދުރު ދިން ހަމަލާއަކީ މުޅި ދުނިޔެ ސިއްސުވާލި ހަބަރެކެވެ.

ގިނަ އަދަދެއްގެ މުސްލިމުން ނަމާދަށް ތިއްބައި ކްރައިސްޓް ޗާޗުގެ ގެ އަލް ނޫރު މިސްކިތަށާއި ލިން ވުޑް މަސްޖިދަށް ކޮމްބެޓު ހެދުމުގައި ހުރި މީހަކު ދިން ހަމަލާތަކުގައި މިހާތަނަށް 49 މީހަކު ވަނީ މަރުވެފައެވެ. އެއީ ނަމާދު ވަގުތުކަމަށް ގިނަ އަދަދެއްގެ މުސްލިމުން ތިބީ ނަމާދަށެވެ.

މި ހާދިސާ އިން ސަލާމަތްވި އުމުރުން 54 އަހަރުގެ ނޫރު ހަމްޒާ ނިއުޒިލޭންޑުގެ ނޫހަކަށް ބުނެފައިވަނީ "އާމީ ސްޓައިލްގެ" ހެދުމެއް ލައިގެން ހުރި މީހަކު އަލް ނޫރު މިސްކިތު ތެރެއަށް ވަޒަންތައް "ސްޕްރޭ ކުރީ" ކަމަށެވެ.

"އޭރު އަހަރެން ހުރީ މިސްކިތު ތެރޭގައި. ބަޑިޖަހަން ފެށުމާއެކު ފުރާނަ ސަލާމަތްކުރަން ދުވެ ނިކުތީ. ފިލައި ހުރީ މިސްކިތުގެ ޕާކިން ލޮޓުގައި، ބައިވަރު މީހުން ސަލާމަތްވާން ދުވެ ނިކުމެ ތިބީ އެތަނުގައި،" އޭނާ ބުނެފައިވެއެވެ. ހަމްޒާ ބުނީ ގާތްގަނޑަކަށް 15 މިނެޓުވަންދެން ބަޑި ޖެހިކަމަށެވެ.

މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހަމްޒާ ސިފަކޮށްފައިވަނީ "ފުންޏަކަށް ޖަހާފައިވާ ހަށިގަނޑުތަކެއް" ގެ ގޮތުގައެވެ.

ހަމްޒާ އަކީ 80ގެ ކުރީކޮޅު ކިޔެވުމަށް ނިއުޒިލެންޑަށް ގޮސް އެ ގައުމުގައި އުޅެމުންދާ މީހެކެވެ. އޭނާ ބުނެފައިވަނީ އެގައުމުގައި ހޭދަވި ދުވަސްތަލުގައި އެފަދަ އެއްވެސް ކަމެއް ނުދެކޭ ކަމަށެވެ.

"މި ހާދިސާއަށް ފަހު ބޮޑު ޝޮކެއްގައި މިހުރީ. ގެއިން ބޭރަށް ނިކުމެ އުޅުން ވަރަށް އުނދަގޫވާނެ،"

ލިންވުޑް މިސްކިތަށް ނަމާދަށް ދިޔަ ސޯބިރު ހުސައިން ބުނެފައިވަނީ ހަމަލާދޭން ފެށުމުން އޭނާ ފިލައި ހުރީ މިސްކިތުގެ ފާހާނާއެއް ތެރޭ ކަމަށެވެ. އޭގެ ފަހުން މިސްކިތުގައި ހުރި އަލަމާތިއެއްގެ ތެރެއަށް ވަދެ ސަލާމަތްކަން ހޯޯދި ކަމަށާއި ފަހުން ކުޑަދޮރަކުން ފުންމާލީ ކަމަށް ސޯބިރު ބުންޏެވެ.

ލިންވުޑް މިސްކިތަށް ނަމާދަށް ގޮސްހުރި ސައްޔިދު މަޒްހަރުއްދީން ބުނީ ބަޑިޖަހާއަޑު ފުރަތަމަވެސް އިވުނީ އޭނާއާ ވަރަށް ގާތުން ކަމަށެވެ.

"މީހުން ތިބީ ވަރަށް ބިރުން. ހަޅޭއްލަވާއަޑުން މުޅި ސަރަހައްދު އޮތީ ގުގުމާލާފައި، އަހަންނަށް ފެނުނީ އެ މީހާ [ހަމަލާދިން މީހާ] މިސްކިތު ދޮރުކައިރީ ހުއްޓާ. އޭރު ގިނަ މީހުން ތިބީ ނަމާދަށް. ގިނައީ އުމުރުން ދުވަސްވީ މީހުން، އޭނާ އެ މީހުންގަޔަށް ބަޑިޖަހާތަން ދުށިން. އެއީ ރަހުމެއް ނެތް އަމަލެއް،"

ސައްޔިދު ބުނީ ހަމަލާދިން މީހާ ހުރީ ޕްރޮޓެކްޓިވް ގިޔާ އަޅައިގެންނެވެ. އޭނާ ދިޔައީ ބަޑިޖަހަމުންކަމަށާއި މިސްކިތު ތެރޭހުރި މީހަކު، ހަމަލާދިން މީހާއާ ކުރިމަތިލުމަށް މިސްކިތުތެރޭ ހުރި މީހަކު މަސައްކަތްކުރިކަމަށް އޭނާ ބުންޏެވެ.

"މިސްކިތް ބަލަހައްޓަން ހުންނަނީ ޒުވާނެއް. އޭނާ ކުރިކަމަކީ ހަމަލާދިން މީހާ ބިންމައްޗަށް ވައްޓާލާ ބަޑި އަތުލީ. އޭނާ މަސައްކަތްކުރީ ބަޑި ޖަހަން ހަމަލާދިން މީހާއަށް .އެކަމަކު އެމީހާ ދުވެ ފިލީ،" ސައްޔިދު ބުންޏެވެ.

އެހަމަލާގައި ސައްޔިދުގެ އެކުވެރިޔަކުވެސް މަރުވިއެވެ.

މިހަމަލާއިން ހަނި ގޮތަކަށް ސަލާމަތްވި މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ކްރިކެޓު ޓީމުގެ މެންބަރުންވެސް ހިމެނެއެވެ. އެ ހަމަލާ ދެވުނުއިރު ބަންގްލަދޭޝްގެ ޓީމުގެ މެންބަރުން ތިބީ އަލް ނޫރު މިސްކިތަށް ދިއުމަށް ބަހުގައެވެ. މި ހަމަލާއާއެކު މާދަމާ ބަންގްލަދޭޝްގެ ޓީމު ކުޅެން އޮތް މެޗު ވަނީ ކެންސަލް ކޮށްފައެވެ.

ކްރައިސްޓް ޗާޗުގައި ދިން ހަމަލާ ނިއުޒިލެންޑުގެ ސަރުކާރުން ސިފަކޮށްފައިވަނީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައެވެ. އަދި މިއަދަކީ ނިއުޒިލެންޑުގެ ތާރީހުގައި ކަޅު ދުވަހެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ކްރިސްޗާޗުގައި ދިން ހަމަލާއަށްފަހު އެ ސިޓީގެ ރައްޔިތުން ބޭރަށް ނިކުމެ އުޅުން މަދުކޮށް، ގޭގައި ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ކްރިސްޗާޗުގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަކީ އެހެން ގައުމުތަކުން ނިއުޒިލެންޑަށް ހިޖުރަކޮށްފައިވާ މީހުންނެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެއެވެ.

comment ކޮމެންޓް