ނިއުޒިލޭންޑަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

ނިއުޒިލެންޑް ގައި ދިން ހަމަލާއަށްފަހު ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ގެޓީ

ނިއުޒިލޭންޑުގެ ކްރިސްޓްޗާޗު ސިޓީގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑަ އާޑާންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ ޓެރެރިސްޓް ހަމަލާގެ ސަބަބުން ކުށެއްނެތް އެތައްބަޔެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ޒަހަމްވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޓެރަރިޒަމްގެ މިފަދަ އަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

ޓެރަރިޒަމްގެ މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

މީގެ އިތުރުން ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެ ނިއުޒިލޭންޑް ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ މި ހަމަލާ އާ ގުޅިގެން ނިއުޒިލެންޑުގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފައެވެ. އަދި ދިވެހި ސަރުކާރުން ވަނީ މި ހަމަލާ ކުށްވެރިވެސް ކޮށްފައެވެ.

ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި ހުކުރަށް ގޮސް ތިއްބައި ދިން ޓެރަރިސްޓު ހަމަލާގައި 49 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް