ވިސާމާއި ސިރާޖުގެ ކެމްޕޭނުގައި ނާއިބު ރައީސް ބައިވެރިވެ ވަޑައިގެންފި

ވިސާމް އާއި ސިރާޖުގެ ކެމްޕެއިން އިވެންޓުގައި ނައިބު ރައީސް ފައިސަލް ނަސީމް --- ފޮޓޯ/ ޓްވިޓަ

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ގަމު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ވިސާމް (ސަމްޕަތު) އަދި ލ. ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ގާނޫނީ ވަކީލް މޫސާ ސިރާޖުގެ ކެމްޕެއިންގައި ނާއިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެޑައިގެންފިއެވެ.

ސަމްޕަތާއި ސިރާޖުގެ ކެމްޕެއިންގެ ތެރެއިން މިއަދު ބޭއްވި ވެހިކަލް ބުރެއްގެ ހަރަކާތުގައި ފައިސަލް ވަނީ ފެނިވަޑައިގެންފައެވެ.

ފައިސަލް ގަމަށް ވަޑައިގަތުމާއެކު އެމްޑީޕީގެ ސަޕޯޓަރުންނާއި ސަމްޕަތުގެ ޓީމުން އޭނާ އަށް ވަނީ ހޫނު މަރުހަބާއެއްވެސް ކިޔައިފައެވެ. އަދި ސިރާޖުގެ ކެމްޕެއިން ހަަރަކާތްތަކުގައިވެސް ފައިސަލް ވަނީ ފެނިގެންގޮސްފައެވެ.

ފައިސަލް އެމްޑީޕީގެ ގަމު އަދި ފޮނަދޫ ދާއިރާގެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެފައިވާއިރު އެ ދެ ދާއިރާއަށް، ފައިސަލް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީންވެސް ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ.

ފައިސަލް ނާއިބު ރައީސް ކަމަށް އިސްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައެވެ. މީގެ ކުރިން ނާއިބު ރައީސް އެމްޑީޕީން މަޖިލިސް އިންތިހާބާ ދިމާކޮށް ކުރިއަށް ގެންދާ ކެމްޕޭންތަކުގައި ފެނިވަޑައިގެންފައެއް ނުވެއެވެ.

ނާއިބު ރައީސް އެމްޑީޕީގެ ކެމްޕޭއެއްގެ ތެރެއިން ފެނިގެން ދިޔައިރު، ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ އެމްޑީޕީން ރޭ އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގައި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެސްވެފައެވެ.

ހުޅުމާލެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ އެޕާޓީގެ ޑެޕިއުޓީ ޗެއާ އަލީ ނިޔާޒުގެ ކެމްޕޭން ޖަލްސާގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ކޯލިޝަނުގެ ބައިވެރިން ކުރި އިހުލާސްތެރި މަސައްކަތްތައް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ގަބޫލުނުކުރެވޭނަމަ އެ ޕާޓީގައި ހުންނަން ބޭނުންފުޅު ނުވާކަމަށެވެ.

މޫސާ ސިރާޖުގެ ކެމްޕެއިނު ހަރަކާތުގައި ނައިބު ރައީސް ފައިސަލް--- ފޮޓޯ: ޓުވިޓާ

އަދި ގާސިމް އޭނާއަށް އިތުބާރު ނުކުރައްވާނަމަވެސް ޕާޓީގައި ހުންނަން ބޭނުން ނުވަކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުގެ އިތުބާރުވެސް އޭނާއަށް ނެތްނަމަ މިނިސްޓަރުގެ މަގާމުގައި ނުހުންނަވާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ގާސިމްގެ އަންހެނުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާވެސް ވަނީ ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް