ދީނަށް ފުރައްސާރަކުރާ ލީޑަރުންނަށް ތާއީދު ކުރުމަކީ ގެއްލުންވެދާނެ ކަމެއް: ސިޔާމު

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމް ދީނަށް ހަޖޫޖަހާ ސިޔާސީ ލީޑަރުން ރާއްޖޭގައި އެބަތިބި ކަމަށާއި އެފަދަ ލީޑަރުންގެ ފަހަތަށް އަރައި އެމީހުންނަށް ތާޢީދު ކުރުމަކީ ގެއްލުން ވެދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީދޫ ދާއިރާ އަށް ވާދަކުރައްވާ ސިޔާމު، މިއަދު ހުޅުދެލީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަކީ އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެއްވެސް ޖާގައެއް އޮންނަން ޖެހޭނެ ގައުމެއް ނޫން. އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ ދާއިމަށް ރާއްޖޭގައި އިސްލާމްދީން ދެމެހެއްޓުމަށް،"

ސިޔާމް ވިދާޅުވީ ދީނަށް ހަޖޫޖަހާ މީހުންނަށް ތާއީދުކޮށްގެން ނުވާނެ ކަމަށެވެ.

"ދީނަށް ފުރައްސާރަކުރާ މީހުންނަކީ އަޅުގަނޑުމެންގެ އަދުއްވުން. ﷲ އެމީހުން ނިކަމެތި ކުރައްވާނެ،" ސިޔާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަނީ ރައްޔިތުން އެދޭކަންތައް ކޮށްދިނުމަށް ކަމަށާއި ކޮންމެ ވެރިކަމެއް އައި ނަމަވެސް ރައްޔިތުން އެދޭ މުހުތާދުތައް ފުއްދައިދިނުމުގައި ދެމިހުންނަވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމަށް ފައިސާ ހިމަނާފައިވާ ކަމަށާއި އެ މަސައްކަތް މިއަހަރު ތެރޭ ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

comment ކޮމެންޓް