ސުޝްމާގެ ދަތުރުގައި ރާއްޖެއާއި އިންޑިއާއިން އާ އެއްބަސްވުންތަކަކާމެދު މަޝްވަރާކުރަނީ

އަބްދުﷲ ޝާހިދު އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން--- ފޮރިން މިނިސްޓްރީ

އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖު ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުގައި އާ އެއްބަސްވުންތަކެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރަސްމީ ދަތުރެއްގައި ސުޝްމާ ރާއްޖެ ވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހުއެވެ.

އެގޮތުން ސުޝްމާގެ ދަތުރުގައި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު މިހާރު އެކުލަވާލެވިފައިވާ އަދި ކުރިއަށް އޮތްތަނުގައި އެކުލަވާލާނެ އެއްބަސްވުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އެކުލަވާލެވުނު އެއްބަސްވުންތައް ހިމެނެއެވެ. އެގޮތުން ދެ ގައުމުގެ މެދުގައި ތަރައްގީގެ ރޮނގުގައި ގުޅިގެން މަސައްކަތްކުރުމާއި، ސިއްޙީ ދާއިރާއާއި، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކާއި ހިލަ އާއި ހިލަވެލި ރާއްޖެ އެތެރެކުރުމަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި އެ ދަތުރުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުގައި ސުޝްމާ، ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ދައުލަތުގެ އެހެން ބައެއް ވަޒީރުންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް