އޭސީސީގެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް: އަލްހާން

އަލްހާން ފަހުމީގެ ކެމްޕޭން އިފްތިތާހު ކުރުމައް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އަލްހާން ފަހުމީއާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ބަލަމުންދާ މައްސަލާގައި އެއްވެސް އަސާސެއް ނެތް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލައްވައި، ގާނޫނާ ހިލާފަށް ބޮޑެތި މުބާރާތްތައް ބާއްވައި ބޮޑެތި ފައިސާގެ އިނާމުތައް ދީފައިވާކަމަށް ބުނެ އާންމުންގެ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އޭސީސީއަށް މިއަދު އަލްހާން ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އޭނާ ވަނީ އަލްހާން ސްޓްރީޓް ސޮކާ ކަޕްގެ ނަމުގައި މާލޭގެ ޒުވާނުންނަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވައިފައެވެ. އެ މުބާރާތުގެ އެއްވަނައަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާ ވަނީ ދީފައެވެ.

އޭސީސީއަށް ހާޒިރުވުމަށްފަހު އަލްހާން ވިދާޅުވީ، އޭސީސީން ސުވާލުކުރީ އެ މުބާރާތުގެ އިނާމަކީ ރިޝްވަތުގެ އަމަލެއް ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.

"އެކަމަކު މި ދަންނަވާ ރިއާޔަތްކުރެވޭ ގާނުނުތަކާއި ކޮރަޕްޝަނާ ރިޝްވަތުދިނުމާ ބެހޭ ގާނޫނުތަކުގައި މިކުށް ބަޔާން ކޮށްފައިވާ ގޮތާއި މި ބޭފުޅުން ހުށަހަޅާފައިވާ މައްސަލައަށް އަޅުގަނޑު ވަރަށް ބޮޑަށް އިންކާރުކުރަން،" އަލްހާން ވިދާޅުވިއެވެ.

ކެމްޕެއިންގެ ތެރޭގައި އެ މުބާރާތް ހިންގީ އިޖުތިމާއީ ހަރަކާތެއްގެ ތެރޭގައި އޭނާގެ ދާއިރާއަށް އެކަނި ހުޅުވާލައިގެން ނޫން ކަމަށާއި އަދި އެއީ މުޅި މާލެއަށް ހުޅުވާލައިގެން ހިންގި މުބާރާތެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

"އެ މުބާރާތެއްގައި އޭގެ ޗެމްޕިއަނުންނަށް ކަނޑައެޅިފައި އޮންނަ އިނާމަކީ ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަކި ޖަމާއަތަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުން ނުވަތަ އަޅުގަނޑަށް ވޯޓުލާ ދާއިރާގެ މީހުންނަށް އެކަނި ފުރުސަތު އޮންނަ ގޮތަށް ބޭއްވި ކަމަކަށް ނުވާއިރު މީގެ އިނާމަކީ އަޅުގަނޑު ވޯޓުހޯދަން ބަޔަކަށް މަންފާ ހޯދައިދޭންވެގެން ކަނޑައެޅި އިނާމެއް ކަމަށް ގާނޫނީ ހަމަތަކުގެ މަތިން ގާނޫނީ ގޮތުން ބެލެވޭނެ އެއްވެސް އަސާސެއް ނެތް،" އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ގައުމެއްގެެ ކޮރަޕްޝަން މައްސަލަތައް ބަލާ ކޮމިޝަން އޮޕަރޭޓްކުރަންވާނީ ވަރަށް ސީިރިއަސް ގޮތެއްގައި ކަމަށާއި މީހަކު މައްސަލައެއް ހުށަހަޅާއިރަށް އާދައިގެ ގޮތަކަށް ތަހުގީގު ހިންގުމަކީ އަބުރުގެއްލޭ ކަމެއް ކަމަށެވެ.

އަލްހާން ވިދާޅުވީ އެ މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ޓީމަކީ އޭނާގެ ދާއިރާއާ ގުޅުމެއް ހުރި ޓީމެއް ނޫން ކަަމަށެވެ. އަދި ރިޝްވަތުގެ ތުހުމަތުކޮށް އޭސީސީން އޭނައާ ސުވާލުކުރުމުން އެކަމާ ކަންބޮޑުވާ ކަމަށް އަލްހާން ވިދާޅުވއިެވެ.

އަދި ވޯޓު ހޯދަން ވަކި މީހަކަށް މަންފާވާ ގޮތަށް އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށާއި އެފަދަ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ފުރިހަމައަށް ޖަވާބުދޭން ތައްޔާރަށް ހުންނެވިކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

comment ކޮމެންޓް