ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ކޮރަޕްޝަން މައްސަލައެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އޭސީސީން ވަނީ މަހުލޫފްގެ ކޮރަޕްޝަން މައްސަލައެއް މިހާތަނަށް ބަލާފައިނުވާ ކަމާއި އަދި އެފަދަ މައްސަލައެއް ބަލަމުންނުދާކަން އޭނާއަށް އަންގާފައެވެ.
އެމްއެމްޕީއާރުސިގެ ހިޔާނާތުގެ ރިޕޯޓު އެންޓިކޮރަޕްޝަން ކޮމިޝަނުން މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައިވާގޮތުން މިނިސްޓަރު މަހުލޫފުގެ އެކައުންޓަށް އެސްއޯއެފް ގެ އެކައުންޓުން ވަނީ ފައިސާ ޖަމާކޮށްފައެވެ.
އެކަން ދިފާއުކުރައްވައި މަހުލޫފު ވިދާޅުވެފައިވަނީ އެސްއޯއެފްގެ އެކައުންޓުން އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އޭނާގެ އާއިލާގެ ބޭފުޅަކު ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށެވެ. އަދި އެ މުއާމަލާތް މަހުލޫފުގެ އެކައުންޓު މެދުވެރިކޮށް ކޮށްފައިވަނީ އޭނާގެ ކޮއްކޮ (ވިޔަފާރި ކުރި ފަރާތުގެ) ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.
މަހުލޫފު ވިދާޅުވެފައިވަނީ އެސްއޯއެފްގެ އެކައުންޓުން މުއާމަލާތް ކުރި އެކައުންޓުތަކުގެ ތެރޭގައި މަހުލޫފުގެ އެކައުންޓު ހިމެނޭކަމުގެ މައުލޫމާތު ލިބިލެއްވުމުން ކަން ހިނގައިދިޔަ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި މަހުލޫފާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.