އެމްއެމްޕީއާރުސީގެ ކެންޑިޑޭޓުންނަކަށް އަޅުގަނޑު ތާއީދެއް ނުކުރާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ---

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްއެމްޕީއާރުސީގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ އެމްޑީޕީ މަޖިލިސް ކެމްޕެއިން ދަތުރުފުޅުގައި މިއަދު ވ. ފެލިދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަޖިލީހަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން އެމަނިކުފާނު ވެސް މަޖިލީހުން ފަހަތަށް ޖެހިލީ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މަޖިލީހަށް އެބަ ބޭނުންވޭ ޒުވާން ލޭގެ ޖޯޝާއެކީގައި އާ ފިކުރުތަކަކާއި ޒަމާނީ ބަދަލުތަކެއް ގެންނަން. ހަމަ ގައިމު ވެސް މި އިންނެވީ އެކަން ކުރައްވާނެ ބޭފުޅެއް. އަޅުގަނޑުގެ ފުރިހަމަ ތާއީދު އެބައޮތް. ހަމަ ގައިމު ވެސް އަޅުގަނޑު ތާއީދެއް ނުކުރާނަން އެމްއެމްޕީއާރުސީގެ ކެންޑިޑޭޓުންނަކަށް." ފެލިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު މަބުރޫކު އަޒީޒަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ކެންޑިޑޭޓުނަކީ ކޮބައިކަމެއް ރައީސް ވިދާޅެއް ނުވެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އޭރު ސަރުކާރު ހިންގި ޕާޓީގެ މެންބަރުނަށް ލިބުނު ގޮތަށް އޭރުގެ އިދިކޮޅުގައި ތިއްބެވި މެމްބަރުންނަށް ވެސް ލިބިފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

ރައީސް ސޯލިހު ވިދާޅުވީ މަބުރޫކު ފެލިދޫ ދާއިރާއަށް ވާދަކުރައްވަނީ އެމްޑީޕީގެ އަދި ސަރުކާރުގެ ކެންޑިޑޭޓުގެ ގޮތުގައި ކަމަށެވެ.

އެމްޑީޕީއަށް އަދި އެ ޕާޓީގެ މަޖިލިސް އެޖެންޑާ 19 އަށް ތާއީދުކޮށް ރައީސް ސޯލިހު ވަނީ ވާހަކަފުޅު ދައްކަވާފައިފަ އެވެ. ވިދާޅުވީ އެޖެންޑާ 19 ޑްރާފްޓް ކޮށްފައި ވަނީ ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ކަމަށެވެ.

ރާއްޖެ ތަރައްގީ ކުރެވޭނީ މައި ސަރުކާރުން ބާރުތައް ދޫކޮށްލައި ރައްޔިތުންނާ ވީހާ ވެސް ކައިރިން ހިދުމަތްތައް ދޭން ފެށުމުން ކަމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ.

"އެގޮތުން ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަން ދީ މާލީ ފުދުންތެރިކަން ދީ. އެރަށެއްގެ ތަރައްގީއަށް ޓަކައި އެ ރަށެއްގެ ރައްޔިތުންނަށް ދޭ ހިދުމަތްތައް ދިނުމަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރެވި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިދަނީ ކުރެވެމުން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ގާނޫނުތަކަށް ބަދަލުގެނެސް ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެޖެންޑާ 19 އަކީ މުހިންމު އެއްޗެއް ކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ އަދި އެޖެންޑާ 19 ގަބޫލުކުރާ މެމްބަރުން ތިބެން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް