މިވަގުތު 20 ޕްރޮޖެކްޓެއް ކުރިއަށް އެބަގެންދަން، އަށް ޕްރޮޖެކްޓް ހުއްޓިފައި: އެމްޓީސީސީ

އެމްޓީސީސީގެ ހެޑް އޮފް ޕްރޮޖެކްޓް މެނޭޖުމެންޓް އަހުމަދު ލަތީފް --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެމްޓީސީސީ އިން މިވަގުތު 20 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ހެޑް އޮފް ޕްރޮޖެކްޓް މެނޭޖުމެންޓް އަހުމަދު ލަތީފް ވިދާޅުވީ އެންމެ ބޮޑު މަޝްރޫއަކަށް މިހާރު ކުރިއަށް ގެންދަނީ އައްޑޫ ސިޓީގެ ނަރުދަމާ މަސައްކަތް ކަމަށެވެ.

"އެ މަސައްކަތުގެ 90 ޕަސެންޓު މިހާރު ވަނީ ނިމިފައި. އުއްމީދަކީ ދޮޅުމަހެއްގެ ތެރޭގައި މަސައްކަތް ނިންމައި ޕްލޭނިން މިނިސްޓްރީއާ ހަވާލުކުރުން،" ލަތީފް ވިދާޅުވީ މިއީ ރާއްޖޭގައި މިހާރު ކުރިއަށްގެންދާ ނަރުދަމާގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓު ކަމަށެވެ.

އެމްޓީސީސީ އިން ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން އަށް މަޝްރޫއެއް ހުއްޓިފައިވާ ކަމަށާއި ގިނަ މަޝްރޫއުތައް ހުއްޓިފައި ވަނީ ޕްރޮޖެކްޓުގެ ޑިޒައިނަށް ބަދަލުގެންނަން ރައްޔިތުން އެދޭތީ ކަމަށް ލަތީފު ވިދާޅެއް ނުވެ އެވެ.

ހުއްޓިފައި ހުރި މަސައްކަތްތަކުގެ ތެރޭގައި އެންމެ ގިނައީ ބަނދަރުގެ މަސައްކަތް ކަމަށް ލަތީފް ވިދާޅުވި އެވެ.

އެމްޓީސީސީ އިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބަލާއިރު ބަނދަރުގެ މަޝްރޫއުތަކުގެ އިތުރުން މަގުހެދުމާއި ނަރުދަމާގެ މަޝްރޫއު އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

"ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަސައްކަތްތައް ފިޔަވައި އިތުރު ޕްރޮޖެކްޓުތައް ހިންގަން އެމްޓީސީސީ އިން މިހާރު ވަނީ ނިންމާފައި. ހާއްސަކޮށް ވޯޓާ އެންޑް ސްވެރާޖެ، ރޯޑްސް ފަދަ މަޝްރޫއުތަކަށް އެބަ ސްޕެޝަލައިޒްވަން. އެފަދަ ޕްރޮޖެކްޓުތަކަށް އެބަ އިންވެސްޓު ވެސް ކުރަން،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ މަސައްކަތްތަކަށް ބޭނުންވާނެ ސާމާނު ވެސް ގަނެފައިވާ ކަމަށާއި ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ ޕްރޮޖެކްޓަށް މި އަހަރު ބިޑްކުރާނެ ކަމަށެވެ.

ލަތީފް ވިދާޅުވީ އެމްޓީސީސީގެ ޑްރެޖަރު މަހާޖައްރާފު ބޭނުންކޮށްގެން މިއަހަރު ބިންހިއްކުމުގެ މަޝްރޫއުތައް ހިންގާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރު އެމްޓީސީސީ އަށް ބޮޑެތި ޕްރޮޖެކްޓުތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެގޮތުން ބިން ހިއްކުމާއި އެއާޕޯޓު އެޅުމުގެ ބޮޑެތި މަސައްކަތްތަކެއް ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

"އެމްޓީސީސީ ޓަވަރު ކުރިމަތިން އޮންނަ މަސްވެރިންގެ ޕާކާއި އާޓިފިޝަލް ބީޗު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނީ އެމްޓީސީސީގެ ބޮޑު ހިއްސާ އަކާއެކު." ލަތީފް ވިދާޅުވި އެވެ.

comment ކޮމެންޓް