ޕާކިސްތާނުގެ މަސްއޫދު އަޒްހަރު ބްލެކްލިސްޓު ކުރަން ޗައިނާއިން ދެކޮޅު ހަދައިފި

ޗައިނާއިން ވަނީ މަސްއޫދު އަޒްހަރަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅަން ދެކޮޅު ހަދާފަ -- ފޮޓޯ: އޭއެފްޕީ

އދ. (މާޗް 14): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި މިދިޔަ މަހު ބޮމުގެ ހަމަލާއެއްދިން ޖައިޝް މުހައްމަދު ޖަމާއަތުގެ ލީޑަރު މަސްއޫދު އަޒްހަރު ބްލެކްލިސްޓު ކުރަން ޗައިނާއިން ދެކޮޅު ހަދައިފި އެވެ.

މަސްއޫދު އަޒްހަރަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އޭނާގެ މުދާ ހިފަހައްޓައި، އޭނާ ދަތުރު ކުރުމާއި ހަތިޔާރު ގެންގުޅުން މަނާ ކުރަން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅީ އިންޑިއާއިންނެވެ. އެގައުމުން ވަނީ "އެގައުމުގެ ރައްޔިތުންނަށް ހަމަލާދޭ ޓެރަރިސްޓު ލީޑަރުން އިންސާފަށް ގެންނަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ" ކަމަށް ބުނެފަ އެވެ.

ނަމަވެސް ޗައިނާއިން ވަނީ އެމައްސަލަ އިތުރަށް ބަލަން ވަގުތު ބޭނުންވާ ކަމަށް ބުނެ އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފަ އެވެ. އެއީ ޕާކިސްތާނާ ގާތް ގުޅުމެއް ބާއްވާ ޗައިނާއިން އަޒްހަރު ބްލެކްލިސްޓު ކުރަން ދެކޮޅު ހެދި ހަތަރު ވަނަ ފަހަރެވެ.

ކަޝްމީރުގައި ހަރަކާތްތެރިވި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަރަކާތުލް އަންސާރުގައި ގިނަ އަހަރުތަކެއް ވަންދެން އިސްކޮށް ހުރި އަޒްހަރު އިންޑިއާއިން 1994 ގައި ހައްޔަރު ކުރި އެވެ. ނަމަވެސް 1999 ގައި، ކަތަމަންޑޫއިން ނިއު ދިއްލީއަށް ދަތުރު ކުރަމުންދިޔަ މަތިންދާބޯޓެއް ބަޔަކު ހައިޖެކްކޮށް، އެބޯޓު އަފްގާނިސްތާނުގެ ކަންދަހާރުގައި ޖެއްސި އެވެ. އަދި ބޯޓުގައި ތިބި 155 މީހުން ދޫކޮށްލާނީ އިންޑިއާއިން އަޒްހަރާއި އިތުރު ދެ މީހަކު ދޫކޮށްލުމުން ކަމަށް ބުނެފަ އެވެ.

އެހާދިސާއާ ގުޅިގެން އިންޑިއާގައި އޭރު އޮތް، ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ ސަރުކާރުން ނިންމީ އެ ތިން މީހުން ދޫކޮށްލުމަށެވެ. އަދި ހަމަ އެ އަހަރު ޖައިޝް މުހައްމަދު އުފެއްދުމަށް ފަހު އަޒްހަރު ދިރިއުޅެމުން އަންނަނީ ޕާކިސްތާނުގަ އެވެ.

comment ކޮމެންޓް