އަލްހާން އޭސީސީއަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެޑިޑޭޓް އަލްހާން ފަހުމީގެ ކެމްޕޭން އިފްތިތާހު ކުރުމައް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.

އަލްހާން އޭސީސީ އަށް ހާޒިރުވާން އަންގާފައިވަނީ މިއަދު 15:00 އަށެވެ.

އޭސީސީއިން އަލްހާން އަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ އަލްހާން އޭސީސީއަށް ހާޒިރު ކުރަނީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލައްވާ، ގާނޫނާ ހިލާފަށް ބޮޑެތި މުބާރާތްތައް ބާއްވާ ބޮޑެތި ފައިސާގެ އިނާމުތައް ދީފައިވާކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަލްހާން "ސަން" އަށް ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރުވުމަށް ޗިޓު ލިބިފައިވާ ކަމަށާއި، އޭސީސީ އަށް ހާޒިރުވެ ޖަވާބުދާރީވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ގަވައިދާ ހިލާފަށް މުބާރާތް ބާއްވާފައިވާނެ ކަމަކަށް،" އަލްހާން ވިދާޅުވިއެވެ.

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިޖުތިމާއީ ހަރަކާތް ހިންގުމަކީ ކުށެއް ނޫން" ކަމަށެވެ.

އަލްހާން ވަނީ އަލްހާން ސްޓްރީޓް ސޮކާ ކަޕްގެ ނަމުގައި މާލޭގެ ޒުވާނުންނަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވައިފައެވެ. އެ މުބާރާތުގެ މުބާރާތުގެ އެއްވަނައަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާ ވަނީ ދީފައެވެ.

comment ކޮމެންޓް