އެއާޕޯޓު ޖީއެމްއާރަށް ދޭކަށް މަޝްވަރާއެއް ނުކުރަން: މިނިސްޓަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ އެންމެފަހުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ދިނުމާގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

"ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެއާޕޯޓު ޖީއެމްއާރަށް ދިނުމަށް އުޅޭކަމަށް ވާހަކަ ދެކެވެނީ، އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގައި ހުރި މައްސަލަތަކެއް ބަލަމުންދާތީ ކަމަށެވެ.

"އެއާޕޯޓުގައި ހުރި މައްސަލަތައް ބަލަމުންދާތީވެ އެކަމަށް ހުރަސް އެޅުމަށް ދެކެވޭ ވާހަކަތަކެއް އެއީ. މި ދެންނެވީ އެއާޕޯޓު ޑިޒައިން އާއި ޕްލޭންގެ މައްސަލަ."

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވިއިރު ޖީއެމްއާރުގެ އިސްވެރިން ރާއްޖެ އައިސް އެއާޕޯޓުގެ ވެރިންނާ ބައްދަލުކޮށްފައިވާކަމަށް ވަނީ އަޑު ފެތުރިފައެވެ.

ދެފަހަރެއްގެ މަތިން އެ ކުންފުނީގެ އިސް ވެރއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނިފައިވާއިރު އެއާޕޯޓުގެ އޮފިޝަލަކު މީގެ ކުރިން "ސަން" އަށް ވިދާޅުވީ ރާއްޖެ އައިސް ފުރަންވެގެން އެއާޕޯޓު ވީއައިޕީގައި ޖީއެމްއާރުގެ އިސްވެރިއަކު އިންނެވިކަމަށެވެ. އަދި އެފަރާތާއެކު އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް އެއާޕޯޓުގެ އޮފިޝަލު ވިދާޅުވިއެވެ.

މީގެ ކުރިން އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ މައި ބައިނަލްއަގުވާމީ އެއާޕޯޓު ދިން މައްސަލާގައި އޭރުގެ ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާކޮށް އަޑު އުފުލިއެވެ. އެއާޕޯޓު ޖީއެމްއާރުގެ އަތުން އަތުލީ ރައީސް ވަހީދުގެ ސަރުކާރުގައެވެ.

ވީއައިއޭގެ ތަރައްގީއަށް އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް