ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ޒަމީރު

މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މޫސާ ޒަމީރު ހަސަން އައްޔަނު ކުރެއްވުން--- ފޮޓޯ: ހައުސިން

މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މޫސާ ޒަމީރު ހަސަން އައްޔަނު ކުރައްވައިފިއެވެ.

ޒަމީރު އެ މަގާމަށް އައްޔަނު ކުރައްވައި، މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ސިވިލްސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.

މޫސާ ޒަމީރަކީ ސަރުކާރުގެ އެކި ވަޒީފާތަކުގައި 19 އަހަރު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން 1990 ވަނަ އަހަރު މޯލްޑިވްސް ޕަބްލިކް ސަރވިސް އާއި ގުޅިވަޑައިގެންނެވި ޒަމީރު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އެކިއެކި އިސް މަގާމުތައްވެސް ފުރުއްވައިފައެވެ.

އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ހެޑް އޮފް ދަ ޕްލޭނިންގް ޑިވިޝަން ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، ރީޖަނަލް އެއާޕޯޓް ތަކުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމްވެސް ޒަމީރު ވަނީ އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ހަތަރު ވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގައި ޒަމީރު ވަނީ ހާއްސަ ދައުރެއް އަދާކުރައްވައިފައެވެ.

ޒަމީރު ވަނީ ބެޗްލަރ އޮފް އޮނާސް އިން އެންވާރަމެންޓަލް ސައިންސް ގެ ރޮގުން އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އިންގްލޭންޑް ގައި ޑިގްރީ ހާސިލްކުރައްވައިފައެވެ. މީގެ އިތުރުން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ އިން ވަނީ އާބަން އެންޑް ރީޖަނަލް ޕްލޭނިންގް ގެ ރޮގުން މާސްޓާސް ޑިގްރީ ވެސް ފުރިހަމަކުރައްވާފައިވެއެވެ.

comment ކޮމެންޓް