ބޯއިން ކުންފުނިން 737 މެކްސް ބޯޓުތައް އުދުހުން މަނާކޮށްފި

ވެއްޓުނު އިތިއޯޕިއަން އެއާލައިންސްގެ ބޯއިން 737 މެކްސް 8 މަރުކާގެ ބޯޓު -- ފޮޓޯ: ޖޮނަތަން ޑްރޫއަޔަން

ވޮޝިންޓަން (މާޗް 14): އިތިއޯޕިއަން އެއާލައިންސްގެ ބޯއިން 737 މެކްސް 8 މަރުކާރުގެ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން، ބޯއިން ކުންފުނިން 737 މެކްސް ބޯޓުތައް އުދުހުން މަނާކޮށްފި އެވެ.

ބޯއިން ކުންފުނިން ވަނީ 737 މެކްސް ބޯޓުތަކަކީ ރައްކާތެރި ބޯޓުތައް ކަން އެކުންފުންޏަށް ޔަގީންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެބޯޓުތައް އުދުހުން މަނާ ކުރީ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އާއި ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީއާ ވާހަކަ ދެއްކުމަށް ފަހު ކަމަށް ބުނެފަ އެވެ. އަދި އެއީ 737 މެކްސްގެ ރައްކާތެރިކަން އާއްމުންނަށް ޔަގީންކޮށް ދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބުނެފަ އެވެ.

"އެކްސިޑެންޓުތައް ދިމާވި ސަބަބު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އެފަދަ ހާދިސާއެއް ދެން ނުހިނގާނެކަން ކަށަވަރު ކުރުމަށް އަޅުގަނޑުމެން ދަނީ އިންވެސްޓިގޭޓަރުންނާ ގުޅިގެން މަސައްކަތް ކުރަމުން،" ބޯއިންގެ ޗެއާމަން ޑެނިސް މުއިލެންބާގް ވިދާޅުވި އެވެ.

ބޯއިން އިން އެފަދައިން ނިންމާފައި ވަނީ، މިމަހުގެ 10އެއްގައި އިތިއޯޕިއަން އެއާލައިންސްގެ ބޯޓު ވެއްޓުނު ހާދިސާ އާއި މިދިޔަ އޮކްޓޯބަރު މަހު އިންޑޮނޭޝިއާގެ ލަޔަން އެޔާގެ ބޯޓެއް ވެއްޓުނު ހާދިސާއާ އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް އެފްއޭއޭ އިން ބުނި ފަހުންނެވެ. އޭގެ ސަބަބުން އެމެރިކާ އިން ވަނީ އެގައުމުގެ ވައިގެ ސަރަހައްދުގައި ބޯއިން 737 މެކްސް އުދުހުން މަނާކޮށްފަ އެވެ.

އަދި އެމެރިކާއާ އެކު 50 ގައުމަކުން ވަނީ ބޯއިން 737 މެކްސް މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ޗައިނާ، އިންޑިއާ، އިންޑޮނޭޝިއާ، އިނގިރޭސިވިލާތް އަދި ވިލާތު އިއްތިހާދުގެ ގައުމުތައް ހިމެނެ އެވެ.

އިތިއޯޕިއަން އެއާލައިންސްގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި 157 މީހުން މަރުވި އެވެ. އެބޯޓު ވެއްޓުނީ ނައްޓާލިތާ ހަ މިނިޓު ފަހުންނެވެ. އަދި ލަޔަން އެޔާއިން ބޭނުން ކުރަމުން ދިޔަ ބޯއިން 737 މެކްސް 8 މަރުކާގެ ބޯޓު ވެއްޓުނު ހާދިސާގައި 189 މީހުން މަރުވި އެވެ. އެބޯޓު ޖަކާޓާއިން ނައްޓާލި ފަހުން އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުނީ ދަތުރު ފެށިތާ 13 މިނިޓު ފަހުންނެވެ.

comment ކޮމެންޓް