ސަރުކާރާއެކު އިއްތިހާދުވެގެން ތިބި ބަޔަކަށް އިދިކޮޅު ފަރާތްތަކާއެކު އިއްތިހާދުވެގެން ނުތިބެވޭނެ: އީވާ

އިވާ: ސަރުކާރާ އިއްތިހާދުވެގެން ތިބި ބަޔަކަށް އިދިކޮޅު ޕާޓީތަކާއެކު އިއްތިހާދުވެގެން ނުތިބެވޭނެ ކަމަށް އީވާ ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރާއެކު އިއްތިހާދުވެގެން ތިބި ބަޔަކަށް އިދިކޮޅު ފަރާތްތަކާއެކު އިއްތިހާދުވެގެން ނުތިބެވޭނެކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އާއެކު މަސައްކަތް ކުރުމަށް ނިންމާފައެވެ. އެގޮތުން ޖުމްހޫރީޕާޓީން އިދިކޮޅު ކޯލިޝަންގެ 32 ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމި އިރު، އެ ކޯލިޝަންގެ ފަރާތުން ޖުމްހޫރީ ޕާޓީގެ 27 ކެންޑިޑޭޓަކަށް ތާއީދު ކުރެއެވެ.

ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ޖުމްހޫރީ ޕާޓީން ކޮންމެވެސް އެއްގޮތެއް ނިންމަވަން ޖެހޭ ކަމަށާއި ދެބަޔަކާ އެކު އިއްތިހާދު ވެގެން ނުތިހެބޭނެ ކަމަށެވެ.

"ޖުމްހޫރީ ޕާޓީން ކޮންމެވެސް އެއްގޮތެއް ނިންމަވަން ޖެހޭ. އެޕާޓީން ތިބީ ސަރުކާރާ އެކުގަތޯ. ނުވަތަ އިދިކޮޅު ފަރާތަކާ އެކުގަތޯ. ދެ ބަޔަކާއެކު އިއްތިހާދުވެގެން ނުތިބެވޭނެ. ސަރުކާރަކާއެކު އިއްތިހާދު ހަދައިގެން އުޅޭ ބަޔަކަށް، އިދިކޮޅު ފަރާތްތަކާއެކު އިއްތިހާދު ހަދައިގެން ނުތިބެވޭނެ،" ޖުމްހޫރީ ޕާޓީއަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވިއެވެ.

ޖުމްހޫރީޕާޓީން އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަން ނިންމަވާފައިވާއިރު، އެޕާޓީގެ ކެންޑީޑޭޓުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންކަމަށް އެ ކެންޑިޑޭޭޓުންނަށް ވިދާޅުވެވޭނީ ކިހިނެއްތޯ އިވާ ސުވާލު އުފެއްދެވި އެވެ.

އިވާ ވިދާޅުވީ، ރައްޔިތުން ވޯޓު ދޭނީ އެރަޔިތުންގެ އުންމީދުތަކަށް ކަމަށާއި ރައްޔިތުން ވޯޓު ދޭނީ ޖުމްހޫރޯ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަަތަށް ނޫން ކަމަށެވެ.

ރައްޔިތުންގެ އުންމީދުތައް ހުށަހަޅާނީ ހަމައެކަނި އެމްޑީޕީން ކަމަށާއި އެހެން ކަމުން ރައްޔިތުން މިފަހަރު މަޖިލިސް އިންތިހާބުގައި އެމްޑީޕީން ބޮޑު އަޢުލަބިއްޔަތެއް ދޭނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަން ފެއްޓެވުމުން އިވާ ފާޑު ވިދާޅުވިއިރު، ޖުމްހޫރީ ޕާޓީން ބުނަނީ އެ ޕާޓީން އިދިކޮޅު ކޯލިޝަންއާއެކު މަޖިލިސް އިންތިހާބުގައި އެކުގައި މަސައްކަތް ކުރައްވަން ނިންމެވީ، އެމްޑީޕީން ކޯލިޝަން އެއްބަސްވުމާ ހިލާފުވުމުން ކަމަށެވެ. ޖުމްހޫރީ ޕާޓީން ބުނަމުން ދަނީ އެމްޑީޕީއާއެކު އެއްބަސްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރައްވަން ކަމަށެވެ.

ކޯލިޝަންގެ ހަތަރު ލީޑަރުންގެ މެދުގައި މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ދާއިރާތައް ބަހާނެ ގޮތަކާ މެދު އެއްބަސް ނުވެ ކޯލިޝަންގެ ހަތަރު ބައިވެރިންވެސް މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަނީ ވަކި ވަކިންނެވެ.

ކޮލިޝަންގެ މައި ޕާޓީ އެމްޑީޕީން 86 ދާއިރާއަށް ވާދަ ކުރައްވާ އިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރައްވަނީ 41 ދާއިރާއަކަށެވެ. އަދާލަތު ޕާޓީގެ ފަރާތުން ވާދަ ކުރައްވަނީ އަށް ދާއިރާއަށެވެ. ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ތާއީދާއެކު އަމިއްލަ ގޮތުން 20 ކެންޑީޑޭޓަކު މަޖިލިސް އިންތިހާބުގައި ވާދަ ކުރެއެވެ.

comment ކޮމެންޓް