ކުރީގެ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ---

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ޔާމީން ބަންދުކޮށްފައި ވަނީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑްރިންގް މައްސަލާގައި ހެއްކަށް ނުފޫޒު ފޯރުވަން އުޅުކަމުގެ ތުހުމަތުގަ އެވެ.

މިރޭ ކަރެކްޝަނަލް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔާމީން ގޭބަންދަށް ބަދަލުކުރީ ބަލި ހާލަތު ހުރިގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ކަމަށެވެ.

"ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ބަލިހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާއި އެއްގޮތަށް މިރޭ ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރެވިފައި." ކަރެކްޝަނަލް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކަރެކްޝަންސްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޔާމީން ގޭބަންދަށް ބަދަލު ކުރެވުނީ ގޭބަންދުގައި ހުންނަ އިރު އަމަލުކުރަން ޖެހޭ ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު ކަމަށެވެ. އަދި ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވެސް އެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފަ އެވެ.

ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކުރީ 18 ފެބުރުއަރީގަ އެވެ. މާފުށީ ޖަލަށް ބަދަލު ކުރި ނަމަވެސް ގިނަ ދުވަސް ޔާމީން ހޭދަ ކުރެއްވީ ހޮސްޕިޓަލުގަ އެވެ. ތިން ފަހަރެއްގެ މަތިން ހޮސްޕިޓަަލަށް ގެންގޮސް ވަނީ އެޑްމިޓްކޮށްފަ އެވެ.

ޔާމީންގެ ހުރީ ކޮން ބައްޔެއް ކަމެއް އާއިލާއިން ވެސް އަދި ވަކީލުން ވެސް ހާމައެއް ނުކުރެ އެވެ. އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާ ދީފައިވަނީ ކާޑިއޯ ޑިޕާޓްމެންޓުގަ އެވެ.

comment ކޮމެންޓް