ހުޅުމާލޭގެ އާ އިންޖީނުގޭގެ މަސައްކަތް އަންނަމަހު ނިމޭނެ: ސްޓެލްކޯ

ފަސްވަނަ ޕަވާ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅާ އިންޖީނުގެ --- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ކުރިއަށް ގެންދާ ފަސްވަނަ ޕަވާ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަޅާ އިންޖީނުގޭގެ މަަސައްކަތް އަންނަ މަހު ނިމޭނެކަމަށްވެސް އެކުންފުނިން ބުނެފިއެވެ.

ހުޅުމާލޭގައި ހިންގާ ޕަވާސްޓޭޝަންގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސްޓެލްކޯގެ ސުޕްރިންޓެންޑެންޓް އިންޖިނިއަރު އިބްރާހިމް ރައޫފް ވިދާޅުވީ އާ އިންޖީނުގެ ނިމުމުން މުޅި ހުޅުމާލެއަށާއި ހުޅުމާލެ ދެވަނަ ފިޔަވައްސަށްވެސް އެތަނުން ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ.

ރައޫފް ވިދާޅުވީ ހުޅުމާލޭއިން މިހާރު އެވުރެޖްކޮށް ބޭނުންކުރަނީ 13 މެގަވޯޓްގެ ކަރަންޓް ކަމަށާއި އަދި އާ އިންޖީނުގެއިން 50 މެގަވޯޓްގެ ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު އެއްވެސް ދައްޗެއް ނެތި ހުޅުމާލެއަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ.

"ފުރަތަމަ އެއް އިއްޖީނުގެ 21 ދުވަހުގެ ޓެސްޓް މިހާރު ވަނިީ ނިމިފައި. އަނެއް އިންޖީންއިން ހަތް ދުވަސް ނިމިއްޖެ. މިތާ މިހިރީ ހަ އިންޖީނު. ކޮންމެ އިންޖީނަކަށް ހަތް ދުވަސް ވަރު ނަގާނެ. އެހެންވީމާ ހަތް ދުވަސް ނިންމައިފައި އަނެއް އިންޖީނު ކުރިއަށް ދާނީ ދެން މިކަމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ މި ޓެސްތްތައް ކުރިއަށްދާއިރު ބައެއް ފަހަރަށް ކަރަންޓް ކެނޑުމުގެ ކަމެއް ދިމާވެދާނެ،" ރައޫފް ވިދާޅުވިއެވެ.

ރައޫފް ވިދާޅުވީ ހުޅުމާލޭގައި ދެ ފަހަރެއްގެ މަތިން ކަރަންޓްގެ މައްސަލަ ދިމާވެފައިވާ ކަމަށާއި މިހާރު ޖެނެރޭޓަރަކަށް ކަމެއް ދިމާވެެގެން ނިއްވާލައިފިނަމަ ވަރަށް ލޯޑު ބޮޑުވާ ކަމަށެވެ. އަދި ބާ އިންޖީނުގޭގައި އެހާ ކެޕޭސިޓީއެއް ނުހުންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް