ތިމަރަފުށީ އެކްސިޑެންޓުގައި ވެހިކަލް ދުއްވި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ތިމަރަފުށީގެ އަންހެނެއްގެ ގައިގައި ޖެހުނު ވޭން

ތ. ތިމަރަފުށީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ވެހިކަލް ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ތިމަރަފުށީގައި އިއްޔެ ހިނގި އެ އެކްސިޑެންޓުގައި އުމުރުން 52 އަހަރުގެ އަންހެނަކަަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އޭނާ އޮތީ ކޯމާއެއްގަ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގައި ދިޔަގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ ވެހިކަލް ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ތިމަރަފުށީ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުން އެ އަންހެން މީހާ ހިނގާފައި ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ އެ ހާދިސާގައި އަންހެން މީހާގެ ބޮލުގެ ތިން ތަނުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި ދުއްވަން އިންނަ މީހާގެ ކުށަކުން މީހަކަށް ބޮޑު އަނިޔާއެއް ވެއްޖެ ނަމަ ޖިނާއީ މައްސަލައެއްގެ ގޮތުގައި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމާފައިވަނީ އާދަޔާ ހިލާފަށް އެކްސިޑެންޓުތައް ގިނަވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް