ސޯމާލިއާގައި އައްޝަބާބަށް އަމާޒުކޮށް އެމެރިކާއިން ހަމަލާތަކެއް ދީފި

ޔޫއެސް އެފްރިކާ ކޮމާންޑުން ބުނި ގޮތުގައި އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި އައްޝަބާބުގެ އަށް މެމްބަރުން މަރުވި -- ފޮޓޯ: އޭޕީ

މުގަދިޝޫ (މާޗް 13): އަލް ގައިދާއާ ގުޅުން ހުރި އައްޝަބާބު ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ސޯމާލިއާގައި ވައިގެ ހަމަލާތަކެއް ދީފި އެވެ.

ޔޫއެސް އެފްރިކާ ކޮމާންޑުން ބުނި ގޮތުގައި އެހަމަލާތައް ދިނީ، އައްޝަބާބުން ސޯމާލިއާގެ ސިފައިންނާއި އެމެރިކާގެ އަސްކަރީ މުޝީރުން ހިމެނޭ ޓީމަކަށް ހަމަލާ ދިނުމުންނެވެ. އަދި އެޖަމާއަތުން ދިން ހަމަލާތަކުގައި އެމެރިކާގެ ސިފައިން މަރުވެފައި ނުވެ އެވެ. ނަމަވެސް އެމެރިކާއިން ދިން ހަމަލާތަކުގައި އަލް ޝަބާބުގެ އަށް ހަނގުރާމަވެރިން މަރުވި އެވެ.

ސޯމާލިއާގައި އެމެރިކާގެ 500 ސިފައިން ހަރަކާތްތެރިވެ އެވެ. އަދި މިއަހަރު ފެށުނު ފަހުން އެމެރިކާއިން ދިން 25 ވައިގެ ހަމަލާތަކުގައި އައްޝަބާބުގެ 244 ހަނގުރާމަވެރިން މަރުވެފައިވެ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ލަފާ ކުރާ ގޮތުގައި އައްޝަބާބުގެ 4،000 ހަނގުރާމަވެރިން ތިބެ އެވެ. އަދި 2017 ވަނަ އަހަރު އެމެރިކާގެ ވެރިކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން އެޖަމާއަތަށް އެމެރިކާއިންދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރު އެމެރިކާއިން ވަނީ އައްޝަބާބަށް އަމާޒުކޮށް 47 ވައިގެ ހަމަލާ ދީފަ އެވެ. އެހަމަލާތަކުގައި 338 ހަނގުރާމަވެރިން މަރުވެފައިވެ އެވެ. އަދި 2017 ވަނަ އަހަރު އެމެރިކާއިން ސޯމާލީއާގައި 35 ހަމަލާ ދިން އިރު 2016 ވަނަ އަހަރު ދިނީ 15 ހަމަލާ އެވެ.

comment ކޮމެންޓް