ރަޝިއާގައި އޮންނަ ބޮޑު ޓޫރިޒަމް ފެއާއެއްގައި ރާއްޖެއިން ބައިވެރިވެއްޖެ

ރަޝިއާގައި އޮންނަ ބޮޑު ޓޫރިޒަމް ފެއާއެއްގައިވެސް ރާއްޖޭގެ ސްޓޯލް -- ފޮޓޯ: އެމްއެމްޕީއާރުސީ

ރަޝިއާގެ ވެރިރަށް މޮސްކޯގައި އޮންނަ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓުއަރިޒަމް ( އެމްއައިޓީޓީ) ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ބައިވެރިވާ އެފެއާގައި ރާއްޖޭގެ 19 ޓޫރިޒަމް ކުންފުންޏަކުން 34 މަންދޫބުން ބައިވެރިވެއެވެ.

ވިޔަފާރި ތަކުން ވިޔަފާރިތަކަށް (ބީޓުބީ) އަށް އަމާޒުކޮށް ހިންގާ އެ ފެއާއަކީ މުޅި ރަޝިއާގައިވެސް ބާއްވާ އެންމެ ބޮޑު ފެއާކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ. އެ ފެއާގައި މިިދިޔަ އަހަރުވެސް 200 ގައުމަކުން 1800 ކުންފުނިން ބައިވެރިވިއެވެ.

ރަޝިއާގައި އޮންނަ ބޮޑު ޓޫރިޒަމް ފެއާއެއްގައިވެސް ރާއްޖޭގެ ސްޓޯލް-- ފޮޓޯ: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީއިން ބުނީ އެ ފެއާގައި ރާއްޖޭގެ މަންދޫބުން އިންޑަސްޓްރީ ޕާޓްނަރުންނާ ބައްދަލުކޮށް ގުޅިގެން ރާއްޖެ މާކެޓްކޮށް، އެމާކެޓް އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށެވެ.

އެ ފެއާގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ގޮތުން ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ކަނޑުއަޑީގެ ރީތިކަން ދައްކާލައި، މިޔަރުތަކާ އެކީ 'ފަތާލުމުގެ" ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި ކޮންމެ ދުވަހަކު ރާއްޖޭގެ ސްޓޯލްއިން ރަފެލް ޑްރޯއެއް ނަގައި ހަދިޔާތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.

ރާއްޖެއަންނަ ރަޝިއާ ފަތުރުވެރިންގެ އަދަދު ފަހަކަށް އައިސް ދަނި ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު 70932 ފަތުރުވެރިން ރަޝިއާއިން ރާއްޖެ ވަނީ އައިސްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 14.5 ޕަސެންޓް އިތުރު އަދަދެކެވެ.

comment ކޮމެންޓް