ވެލިދޫ އަދި ހިންނަވަރުގެ ސިއްހީ ހިދުމަތްދޭ ތަންތަން ހޮސްޕިޓަލް ފެންވަރަށް ތަރައްގީކުރަނީ

ނ، ވެލިދޫގައި ހުންނަ ސިއްހީ މަރުކަޒު-- ފޮޓޯ: ނޫނުޑެއިލީ

ރާއްޖޭގެ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން ނ. ވެލިދުއާއި ޅ. ހިންނަވަރުންދޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެތަންތަން ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ނ. ވެލިދޫ އަދި ޅ. ހިންނަވަރުގައި މިހާރުވެސް ސިއްހީ މަރުކަޒު ހުރެއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓްތަކުގެ މަސައްކަތް ފެއްޓުމަށްޓަކައި ހަދަން ޖެހޭ އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި ބިލް އޮފް ކުއެންޓިޓީއާއި ޓެންޑާ ޑޮކިއުމަންޓްތައް ހަދާނެ ފަރާތްތައް ހޯދުމަށް މިހާރު އިއުލާންވެސް ކޮށްފައިވާ ކަަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ދެ ރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީވެގެންދާއިރު އެތަންތަނުގައި އެކަށީގެންވާ ޕްރައިވެޓް ރޫމްތައް އެޅުމަށްވެސް ނިންމައިފައިވާ ކަމަށެވެ.

އޭގެ އިތުރުން ދ. ކުޑަހުވަދޫ، ނ. މަނަދޫ އަދި ބ. އޭދަފުށީގެ ހުންނަ ސިއްހީ ހިދުމަތްދޭ ތަންތަނުގައިވެސް ޕްރައިވެޓް ރޫމް އެޅުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި އެ ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އަޅާ އާ އިމާރާތްތައް ޑިޒައިންކޮށް ކުރެހުންތަކާއި ބިލް އޮފް ކުއެންޓިޓީއާއި ޓެންޑާ ޑޮކިއުމަންޓްތައް ހަދާނެ ފަރާތްތައް ހޯދުމަށް މިހާރު އިއުލާންވެސް ކޮށްފައިވާ ކަަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް