މައްސަލަ ދިމާވި ފްލައިޓުގެ ކްރޫއިންނަށް ތައުރީފު!

މޯލްޑިވިއަންގެ ފްލައިޓު Q2118 ގެ ފައިލެޓް ބާސިތު (މ)، ކޯޕައިލެޓް ރިމާހު (ވ) އަދި ފްލައިޓު ސުޕަވައިޒަރ ހަސްނާ (ކ) -- ފޮޓޯ/ މޯލްޑިވިއަން

ލޭންޑިންގް ގިއަރަށް މައްސަލައެއް ދިމާވި މޯލްޑިވިއަންގެ Q2118 ފްލައިޓުގެ ޕައިލެޓާއި ކްރޫއިންނަށް ގިނަ ބަޔަކު ތައުރީފުކުރަމުން އެބަ ދެއެވެ.

މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ފްލައިޓުގެ ލޭންޑިން ގިޔަރަށް ދިމާވި މެކޭނިކަލް މައްސަލައެއްގެ ސަބަބުން، އެ ފްލައިޓުގެ މަންޒިލު ކަމުގައިވާ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ލޭންޑު ނުކުރެވި އެއް ގަޑިއިރާއި 20 މިނެޓު ހޭދަވިކަމަށެވެ.

އެ ފްލައިޓުގެ ޕައިލެޓަކަށް ހުރީ މޯލްޑިވިއަންގެ ކެޕްޓަން އަބްދުލްބާސިތު އިބްރާހީމެވެ. ކޯ ޕައިލެޓަކަށް ފަސްޓް އޮފިސަރ ރިމާހު ރުޝްދީ ހުރި އިރު، ފްލައިޓުގެ އިންފްލައިޓް ސުޕަވައިޒަރަށް ހުރީ ހަސްނާ މުހައްމަދެވެ.

ފްލައިޓަށް ދިމާވި މައްސަލައާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓު އެލާޓަށް ގެނައި އިރު، މޯލްޑިވިއަނުން ބުނީ ލޭންޑިންގް ގިއަރަށް މައްސަލަ ދިމާވި ނަމަވެސް އެހެން އޯލްޓަނޭޓިވެއްގެ ދަށުން ފްލައިޓު ލޭންޑުކުރި ކަމަށެވެ.

ޖުމްލަ 44 މީހުންނާއި އެއް ކުޑަކުއްޖަކު ދަތުރުކުރި ބޯޓު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ކާމިޔާބުކަމާއެކު ޖެއްސި އިރު، ގިނަ ބަޔަކު ދަނީ ފްލައިޓުގެ ކްރޫއިންނަށް ތައުރީފުކުރަމުންނެވެ.

މޯލްޑިވިއަންއިން މިއަދު ޓްވިޓާގައި ވަނީ ފްލައިޓުގެ ޕްއިލެޓާއި ކޯޕައިލެޓް އަދި އިންފްލައިޓު ސުޕަވައިޒަރު ހިމެނޭ ޓީމުގެ ފޮޓޯއެއް އާންމުކޮށް، އެ ޓީމަށް ތައުރީފުކޮށްފައެވެ.

އެއާކްރާފްޓަށް ދިމާވި މައްސަލައިގެ ތަފްސީލެއް މޯލްޑިވިއަނުން އަދި ހާމައެއް ނުކުރެއެވެ.

އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނި ގޮތުގައި، މައްސަލަ ދިމާވީ އެއަކްރާފްޓުގެ ކުރީ ފުރޮޅު ހިމެނޭ ނޯސް ގިއަރަށެވެ. އެ ހާލަތުގައި 1 ގަޑިއިރާއި 20 މިނިޓު ވަންދެން އެ ބޯޓު ހޯލްޑިންގް ޕެޓާނެއްގައި ދުއްވި އިރު، ފްލައިޓުގެ ކެޕްޓަން ވަނީ ލޭންޑިންގް ގިއަރުގެ ހާލަތު ކަށަވަރުކުރުމަށްޓަކައި، ތިރިން ފްލައިޓު ދުއްވާފައެވެ.

މޯލްޑިވިއަންއިން ކުރި ޓްވީޓެއްގައި ބުނީ، އެ ކުންފުނީގެ ޓީމުގައި ތަމްރީނު ލިބިފައިވާ މޮޅު ޕައިލެޓުން ތިބުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.

ޓްވިޓާގައި މީހަކު ބުނީ، އެ ފްލައިޓުގައި އޭނާގެ ދެ ދަރީން ދަތުރުކުރިކަމަށާއި، ރައްކާތެރިކަމާއެކު ފްލައިޓު ޖެއްސީތީ ފްލައިޓުގެ ކްރޫއިންނާއި އިންޖިނިއަރަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މޯލްޑިވިއަންގެ ޕައިލެޓުން މިއީ ސަމާސާ ބައެއް ނޫނޭ. އަލްހަމްދުﷲ،" ފްލައިޓުގެ ޕައިލެޓުންނަށް މީހަކު ޓްވިޓާގައި ތައުރީފުކުރިއެވެ.

comment ކޮމެންޓް