ފެނިގެން މިދިޔައީ އީޔޫގެ ގައުމުތަކުން ރާއްޖެ ބަލައިގެންފައިވާތަން: ޝާހިދު

ހަތަރު ވަނަ މޯލްޑިވްސް - އީޔޫ ޕޮލިސީ ޑައިލޮގް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފައްޓަވާ ދެއްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

ހަތަރުވަނަ ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގަށްފަހު އެނގިގެންދިޔައީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުްނ ރާއްޖެ ބަލައިގެންފައިވާކަން ކަަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހަތަރުވަނަ އީޔޫ-ރާއްޖެ ޕޮލިސީ ޑައިލޮގާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ބަދަލުތައް ގެނެވޭނެ ގޮތްތައް ހޯދުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

"އޭގެ ތެރޭގައި ރާއްޖޭގެ މަސް ޔޫރަޕިއަން މާކެޓަށް ވިއްކުމުގައި މިހާރު ދިމާވެފައިވާ އެއް ދައްޗަކީ 24 ޕަސެންޓުގެ ޑިއުޓީ. އެ ކުޑަކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު. އެކަމަށް އީޔޫގެ ގައުމުތަކުން މަޝްވަރާކޮށްދޭނެކަމުގެ ޔަގީންކަން ދެއްވި،"

މިނިސްޓަރު ވިދާޅުވީ ދިވެހިން ޔޫރަޕިއަން ޔޫނިއަންއަށް ދަތުރުކުރުމުގައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް އަދި މިނިވަން މުވައްސަސާތައް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެ ގައުމުތަކުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.

މިދިޔަ އަހަރު މި ބައްދަލުވުން ނުބޭއްވޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި އީޔޫގެ ގައުމުތަކާ އޮތް ގުޅުން ދުރުވެފައިވާ ކަމަށެވެ. އީޔޫގެ ގައުމުތަކަކީ އިގްތިސޯދީ ގޮތުން ރާއްޖެއަށް މުހިއްމު ގައުމުތަކެއް ކަމަށާއި ގިނަ އަދަދެއްގެ ޓުއަރިސްޓުން އެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރާކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ ގައުމުތަކުގެ ގިނަ ވިޔަފާރިތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓުކޮށްފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ޔޫރަޕިއަން އިންވެސްޓްމެންޓް ޑައިލޮގެއް މިއަހަރުގެ ތެރޭގައި ބާއްވަން މަޝްވަރާކޮށްފައިވާ ކަމަށާއި އެ ޑައިލޮގްގެ ސަބަބުން ޔޫރަޕްގެ އިތުރު އިންވެސްޓްމެންޓުތައް ރާއްޖެއަށް އަންނާނެ ކަމަށެވެ.

އީޔޫ-ރާއްޖެ ޕޮލިސީ ޑައިލޮގަކީ ކާމިޔާބު މަޝްވަރާތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އީޔޫ ރާއްޖެ ޕޮލިސީ ޑައިލޮގާ ގުޅޭގޮތުން ނެރުނު ޖޮއިންޓް ސްޓޭޓުމެންޓުގައި ބުނީ މި ޑައިލޮގަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށައި ޑޮމޮކްރަސީ، ގަވަނަންސް، މޫސުމަށް އަންނަ ބަދަލުތައް އަދި އަދުލް އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

comment ކޮމެންޓް