ޝެންގެން ވިސާ ހޯދުން ފަސޭހަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަނީ

ހަތަރު ވަނަ މޯލްޑިވްސް - އީޔޫ ޕޮލިސީ ޑައިލޮގް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފައްޓަވާ ދެއްވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހި ރައްޔިތުންނަށް ޝެންގެން ވިސާ ހޯދުން ފަސޭހަކުރެވޭނެ ގޮތްތަކެއް ހޯދުމަށް ބޭނުންވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ މޯލްޑިވްސް - އީޔޫ ޕޮލިސީ ޑައިލޮގްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގައި އީޔޫގެ މެމްބަރުން ދައުލަތެއްގެ ޑިޕްލޮމެޓިކް މިޝަނެއް ނެތް އިރު، ޝެންގެން ވިސާއަށް ދިވެހީންނަށް އެޕްލައިކުރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ޝެންގެން ވިސާ ހޯދަން ދިވެހިން މިހާރު ދާން ޖެހެނީ ސްރީލަންކާގެ ކޮލޮމްބޯއަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި ޝެންގެން ވިސާ ހޯދުމުގެ އިތުރުން، އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ރައްކާތެރިކުރުމާއި ޝަރުއީ ދާއިރާ ވަރުގަދަ ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ރާއްޖޭގެ ތަރައްގީއަށާއި ސަލާމަތަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުން އީޔޫގެ ވަފުދާއެކު މަޝްވަރާ ކުރާނެ އެވެ.

"އީޔޫގެ މެމްބަރު ގައުމުތަކުގެ އެމްބަސީއެއް ރާއްޖޭގައި ނެތީސް، ރާއްޖޭގެ ރައްޔިތުންނަށް ޝެންގެން ވިސާ ހޯދުން ފަސޭހަ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން (ޕޮލިސީ ޑައިލޮގްގައި) މަޝްވަރާ ކުރާނެ،" ޝާހިދު ވިދާޅުވި އެވެ.

އެބައްދަލުވުމުގައި އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާ ސަފީރު ޓުން ލައި މާގް ވަނީ ޝެންގެން ވިސާ ހޯދުމުގައި ދިވެހިންނަށް ދިމާވާ ދަތިތައް އީޔޫއިން ބަލައި، އެމައްސަލަތައް ހައްލު ކުރެވޭނެ ގޮތްތައް ހޯދާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މިނިސްޓަރު ޝާހިދުގެ ބަޔާނުގައި ވަނީ ރާއްޖެ އާއި އީޔޫއާ ދެމެދު އޮތް ގުޅުމަކީ ތަފާތު އަދި ނަމޫނާ ގުޅުމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އީޔޫ އާއި ރާއްޖެއިން ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި އެބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނޭ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.

އަދި ރާއްޖެ ޑިމޮކްރަސީގެ މަގުން ކައްސާލައިފި ނަމަ ހަމަ މަގަށް އެޅުވުމަށް އީޔޫއިން ފަހުގެ ތާރީހުގައި ކޮށްފައިވާ މަސައްކަތަށް ޝުކުރުވެރިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަވެ ދިވެހިންގެ ހިތްވަރު ގަދަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ޕޮލިސީ ޑައިލޮގުގައި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް