"ގަލީ ބޯއީ"ގެ ސީކުއަލް އެއް ހަދަނީ

ފިލްމުގެ މަންޒަރެއް---

ރަންވީރު ސިންގް އަދި އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ، ޒޯޔާ އަޚްތަރުގެ ފިލްމު 'ގަލީ ބޯއީ'ގެ ސީކުއަލްއެއް ހަދަން ނިންމާފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ޒޯޔާ ބުނެފިއެވެ.

އެ ފިލްމުގެ ސީކުއަލްއެއް ހަދަން ނިންމާފައިވާކަން ޒޯޔާ ކަށަވަރުކޮށްދީފައިވާއިރު އެ ފިލްމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފިލްމުގެ ދެވަނަ ބައި އިއުލާންކުރި ނަމަވެސް ދެވަނަ ބައިން ފެނިގެންދާނެ ތަރިންތަކެއް ހާމަކޮށްފައެއް ނުވެއެވެ. ފިލްމަށް މިހާރު 100 ކުރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނުއިރު އެ ފިލްމަށް ބެލުންތެރިންގެ ތަރުހީބު ބޮޑެވެ.

މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވަނީ އެ ފިލްމަށް ހަތަރު ތަރި ދީފަ އެވެ. އޭނާ ބުނީ އެ ފިލްމަކީ މިހާތަނަށް ޒޯޔާ އުފެއްދި އެންމެ މޮޅު ފިލްމު ކަމަށެވެ. އަދި އޭނާ ވަނީ ރަންވީރު އަށާއި އާލިއާއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

އެ ފިލްމު ވަނީ ޖަރުމަނުގައި ކުރިއަށްދާ 69 ވަނަ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ވެސް ޕްރިމިއާކޮށްފަ އެވެ.

ގަލީ ބޯއީ'ގައި ރަންވީރު ފެނިގެންދާނީ 'މުރާދު' ކިޔާ އިންޑިއާގެ މުމްބާއީގެ ސްލަމްއަށް ނިސްބަތްވާ ރެޕާއެއްގެ ރޯލުންނެވެ. އެ ފިލްމަކީ އިންޑިއާގެ އަންޑަގުރައުންޑް ދެ ރެޕް އާޓިސްޓުން ކަމުގައިވާ ޑިވައިން އަދި ނޭޒީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ ފިލްމެކެވެ.

ފިލްމުގައި ރަންވީރާއި އާލިއާގެ އިތުރުން ދެން ފެނިގެން ދާނީ ސިދާންތު ޗަތުރުވޭދީ، ކަލްކީ ކޮއެޗްލިން، ވިޖޭ ރާޒް އަދި އަމްރުތާ ސުބާޝްއެވެ. މިއީ ރަންވީރާއި އާލިއާ އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ. ނަމަވެސް ދެތަރިންގެ ކެމިސްޓްރީ ވަނީ ގިނަ ބަޔަކަށް ކަމުގޮއްސައެވެ.

comment ކޮމެންޓް