ވީއޭއާރްގެ ސަބަބުން ރެފްރީންނަށް ވަރަށް ބޮޑަށް ފަސޭހަވޭ: ގާޑިއޯލާ

މެންޗެސްޓާ ސިޓީއާއި ވެޓްފޯޑް ރޭ ބައްދަލު ކުރި މެޗަށް ފަހު ސިޓީގެ ފޯވާޑް އާއި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ --- ފޮޓޯ/ ޑޮމް ފެރަލް

ރަހީމް ސްޓާލިންގް ގެ ހެޓްރިކާއި އެކު ރޭ އިނގިރޭސި ޕްރިމިއާލީގުގައި މެންޗެސްޓާ ސިޓީއިން ވެޓްފޯޑުގެ މައްޗަށް ކުރި ހޯދި މެޗުގައި ހިނގިފަދަ ހަމަ ނުޖެހުންތައް ހުއްޓުވޭނީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީތެރި ކަމާއި އެކު ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރޭގެ މެޗުގައި ސްޓާލިންގް ޖެހި ފުރަތަމަ ގޯލު އޭނަ ފޮނުވާލީ އޮފްސައިޑު ޕޮސިޝަނެއްގައި ހުރެގެންނެވެ. އޭނާ އޮފްސައިޑު ކަމަށް ލައިންސްމަނު ވެސް ވަނީ ނިންމާ ދިދަ ނަގާފައެވެ. ނަމަވެސް ރެފްރީ އެ ނިންމުން ބަދަލުކޮށް ސްޓާލިންގް ޖެހި ގޯލަކީ ރަނގަޅު ގޯލެއްކަމަށް ބުނުމުން ވެޓްފޯޑްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ރެފްރީއަށް ފާޑު ކިޔާ ބޮޑު ހަމަ ނުޖެހުމެއް މެޗުގައި އުފައްދާފަ އެވެ.

ފޯރި ގަދަ ކުޅުމަކަށްފަހު އެ މެޗު ނިމުގެން ދިއައީ 1-3 ގެ ނަތީޖާ އަކުން ސިޓީ ކުރި ހޯދައިގެންނެވެ. އެ މޮޅާއި އެކު ސިޓީ ވަނީ ޕްރިމިއާ ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ ( ވީއޭއާރު) ބޭނުން ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސީޒަނުން ފެށިގެންނެވެ. ރޭގައި ހިނގި ހަމަނުޖެހުން ހިންގަން ދިމާވި ސަބަބަކީ ރެފްރީއަށް ގޮތް ނިންމަން އުނދަގޫ ވުމުން ކަމަށާއި ވީއޭއާރުގެ ސަބަބުން ރެފްރީންނަށް ވަރަށް ބޮޑަށް ފަސޭހަ ވާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރޭގެ މެޗަށް ފަހު ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"އަހަރެން ފުރަތަމަ ކަމަކަށް ބުނެލަން ބޭނުމީ މި މެޗުން މޮޅުވާން އެންމެ އެދެވިގެންވާ ޓީމަކީ އަހަރަމެންނޭ. ރެފްރީގެ ނިންމުންތައް ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް މޮޅަށް ކުޅެ އަރަރެންގެ ޓީމުން ވަނީ ރަނގަޅު ގޯލު ތަކެއް ވެސް ޖަހައިފަ،" ގާޑިއޯލާ ބުންޏެވެ.

ރެފްރީގެ މިސްޓޭކަކުން ސްޓާލިންގްގެ ފުރަތަމް ގޯލު ވަތްކަން އޭނާ ގަބޫލު ކުރާ ކަމަށާއި އެކަމަށްޓަކައި ވެޓްފޯޑުގެ ޓީމުން މާފަށް އެދޭ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފައެވެ. ނަމަވެސް ރޭގެ މެޗުން މޮޅުވާން އެންމެ ހައްގުކަން ބޮޑީ ސިޓީ ކަމަށް އޭނާ ބުންޏެވެ.

"ބައެއް މީހުން ބުނޭ އެ ގޯލު އޮފްސައިޑްއޭ. އަނެއް ބަޔަކު ބުނަނީ ނުވާ ކަމަށް. އެ ގޯލު އޮފްސައިޑް ކަމަށް ވާނަމަ ވަރަށް ބޮޑަށް މާފަށް އެދެން،"

"މިކަމަށް އޮތް ހައްލަކީ މި ލީގަށް ވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ތައާރަފު ކުރުން. އޭގެ ސަބަބުން ރެފްރީންނަށް ގޮތް ނިންމުމުގައި ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ."

މި ސީޒަން ފެށުމުގެ ކުރިން ޕްރިމިއާ ލީގުގެ ކުލަބުތަކުން ވީއޭއާރަށް ތާއިދު ކުރުމަށް ވަނީ ވޯޓެއް ނަގައިފައެވެ. ނަމަވެސް ގިނަ ކުލަބު ތަކުގެ އެދުމުގެ މަތިން 2020 ވަނަ ސީޒަނާ ހަމައަށް ވީއޭއާރު އެ ލީގަށް ގެނައުން ފަސް ކުރީއެވެ.

comment ކޮމެންޓް