ސިފައިންގެ އުސޫލުތައް މި ދަނީ ހަރުދަނާކުރަމުން: މިނިސްޓަރު މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ --- ފޮޓޯ/ އެމްއެންޑީއެފް

ސިފައިންނަކީ ރާއްޖޭގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި، އެ މަސައްކަތްތައް ކުރާނެ އުސޫލުތައް ހަރުދަނާކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ހިންގި 13 ވަނަ ފިޒިކަލް އިންސްޓްރަކްޓަރ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ، އިގްތިސާދީ އަދި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ސިފައިން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށާއި، މިކަންކަން ކުރެވޭނީ އެކަންކަމަށް ކަނޑައެޅިފައިވާ އުސޫލުތައް ހަރުދަނާކުރެވުނީމަ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ އުސޫލުތައް ރިވައިސްކޮށް ހަރުދަނާކުރުމަށްޓަކައި އެމްއެންޑީއެފްގެ ލީޑަޝިޕްއާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ ދިވެހި ސިފައިންނަކީ ގައުމަށް ކުރިމަތިވާ ކޮންމެ އުދުވާނަކުން ހުށިޔާރުކަމާއި ގާބިލުކަމާއެކު ގައުމުގެ މިނިވަންކަން ދިފާއުކުރަން ތިބޭ ބައެއް ކަމަށާއި އެކަން ހާސިލުކުރެވޭނީ ސިފައިންނަކީ ދުޅަހެޔޮ އަދި ތަމްރީނު ލިބިފައިވާ ގާބިލު ބައެއްގެ ގޮތުގައި ދެމިތިބެގެން ކަމަށެވެ.

"ސިފައިންގެ ލެވެލްގައި ހިންގޭ އެކިއެކި ތަމްރީނު ޕްރޮގްރާމުތައް ހަރުދަނާކޮށް ޒަމާނާ އެކަށީގެންވާ ގޮތަށް ބަދަލުގެނައުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އެންމެ ފަހުގެ އާލާތްތަކާއި ވަސީލަތްތައް ހޯދައިދިނުމަށް އަދުގެ ސަރުކާރުން ދަނީ ހަރުދަނާ ގިނަ މަސައްކަތްތަކެއް ކުރައްވަމުން،"

މީގެ އިތުރން މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންގެ ވެލްފެއާގެ ކަންކަމަކީ މިދިޔަ ދުވަސްތަކުގައި މާ ބޮޑު އިސްކަމެއް ނުދީ ދޫކޮށްލެވިފައި އޮތް ކަމެއް ކަމަށާއި، އެކަންކަން ހަރުދަނާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

"އެގޮތުން ސިފައިންގެ އެކޮމޮޑޭޝަންގެކަންކަން ރަގަޅުކުރުމާއި، ހިދުމަތުގައި ދެމިތިބި ސިފައިންނަށް އާއިލާތަކާ އެކީގައި އުޅޭވޭނެ ފަސޭހަ ގޮތްތަކެއް ފަހިކުރުމަށްޓަކައި މަސައްކަތްތަކެއް މިދަނީ ކުރެވެމުން. އަދި އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓލުގެ ފެންވަރު ރަނގަޅުކުރުމަށާއި އެތަނުން އަލަށް އިތުރު ހިދުމަތްތަކެއް ދެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް