ޖަޕާނުގެ ފެރީއެއް "ބޮޑުމަހެއްގައި ޖެހި"، 80 މީހުންނަށް އަނިޔާވެއްޖެ

ޖަޕާނުގެ ފެރީއެއް ބޮޑުމަހެއްގައި ޖެހި، 80 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ -- ފޮޓޯ: އަލާމީ ސްޓޮކް ފޮޓޯ

ޓޮކިޔޯ (މާޗް 10): ޖަޕާނު ކަނޑުން ދަތުރު ކުރަމުންދިޔަ އެގައުމުގެ ފެރީއެއް "ބޮޑު މަހެއްގައި" ޖެހި، 80އަށް ވުރެ ގިނަ ފަސިންޖަރުންނަށް އަނިޔާވެއްޖެ އެވެ.

ޖަޕާނުގެ ނީގަތާއިން ސަޑޯ އައިލެންޑަށް ދަތުރު ކުރަމުން ދިޔަ އެބޯޓު އެއްޗެއްގައި ޖެހުމުގެ ސަބަބުން، ބޯޓުގައި ހަ އިންޗީގެ ރެނދެއް ލާފައިވާ ކަމަށް ފެރީ އޮޕަރޭޓް ކުރާ ސަޑޯ ސްޓީމް ޝިޕް ކުންފުނިން ބުންޏެވެ.

އެހާދިސާ ހިނގި ވަގުތު ފެރީގައި 121 ފަސިންޖަރުންނާއި ހަތަރު ކުރޫއިން ތިއްބެވެ.

އެހާދިސާއަށް ފަހު ފެރީ ވަނީ ސަޑޯ އައިލެންޑަށް ގޮސްފަ އެވެ. ނަމަވެސް އެރަށަށް ދެވުނީ ޝެޑިއުލްކޮށްފައިވާ ގަޑިއިރަށް ވުރެ އެއް ގަޑި އިރު ފަހުންނެވެ. އަދި އެހާދިސާގައި 13 މީހަކަށް ސީރިއަސް އަނިޔާތައް ލިބުނު ކަމަށް ކޯސްޓް ގާޑުން ވަނީ ބުނެފަ އެވެ.

އެހާދިސާއާ ގުޅިގެން ސަޑޯ ސްޓީމް ޝިޕް ކުންފުނިން ވަނީ މާފަށް އެދިފަ އެވެ. އަދި ހާދިސާ ހިނގީ، ދިރޭ އެއްޗެއްގައި ފެރީ ޖެހުމުން ކަމަށް ބުނެފަ އެވެ.

ޖަޕާނުގެ އެންއެޗްކޭ ޓީވީން ކަމާ ބެހޭ މާހިރާކާ ހަވާލާދީ ބުނި ގޮތުގައި، އެހާދިސާގައި ބޯޓަށް ލިބުނު ގެއްލުމަށް ބެލުމުން ލަފާ ކުރެވޭ ގޮތުގައި ހާދިސާ ހިނގީ ބޮޑުމަހެއްގައި ފެރީ ޖެހުމުންނެވެ. އަދި މިދުވަސްވަރަކީ ހަމްޕްބެކް ވޭލް އާއި މިންކީ ވޭލްތައް ޖަޕާނު ކަނޑުން ހިޖުރަ ކުރަމުންދާ ދުވަސްވަރެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޖަޕާނުގެ ކޯސްޓްގާޑުން ދަނީ އެހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް