ހުނަރުވެރި ވިންގް އާއްކޮ ދަ ގްރާންޑޭއަށް ސޮއި ކޮށްފި

މާޒިޔާއާއި އީގަލްސްއަށް ކުޅެދީފައިވާ ހުނަރުވެރި ވިންގް އަހުމަދު އިމާޒް (އާއްކޮ) ދަ ގްރާންޑޭއަށް ސޮއި ކުރުމުގެ ހަފްލާގެ ތެރެއިން

މާޒިޔާ ސްޕޯޓްސް އާއި ދިވެހިރާއްޖޭގެ ގައުމީ ޓީމަށް މޮޅު ކުޅުމެއް ކުޅެދީ މުހިއްމު ގޯލުތަކެއް ޖަހައިދީފައިވާ އަހުމަދު އިމާޒް (އާއްކޮ) ދަ ގްރާންޑޭއަށް ސޮއި ކޮށްފި އެވެ.

އީގަލްސްއާއި މާޒިޔާގައި މޮޅު ކުޅުމެއް ދައްކާފައިވާ އުމުރުން 26 އަހަރުގެ އާއްކޮ ދަ ގްރާންޑޭއަށް ބަދަލުވީ އޭނަގެ ތިންވަނަ ކުލަބުގެ ގޮތުގަ އެވެ. އަދި އޭނަ ވަނީ ގައުމީ ޓީމުގެ ޒުވާން ޓީމާއި ސީނިއާ ޓީމަށް ވެސް ގިނަ މެޗުތަކެއް ކުޅެދީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ.

މިދިޔަ އަހަރު އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި އީގަލްސްއާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އާއްކޮ ފުރަތަމަ ފަހަރަށް ވިދާލީ 2011 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަަންޝިޕުންނެވެ. އޭނާ އޭރު ކުޅުނީ އީގަލްސް އަށެވެ. ޔޫތު ޗެމްޕިއަންޝިޕުގައި އޭނަގެ ހުނަރު ފާހަގަވެ އާއްކޮއަށް ވަނީ އެ އަހަރު އީގަލްސްގެ ސީނިއާ ޓީމުންވެސް ޖާގަ ލިބިފައެވެ. އީގަލްސްގައި ތިން އަހަރު ކުޅެ އާއްކޮ މާޒިޔާއަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ.

ލޯނުގެ އެއްބަސް ވުމެއްގެ ދަށުން މާޒިޔާއަށް އާއްކޮ ބަދަލުވި ނަމަވެސް އެއް އަހަރު ތެރޭގައި އޭނާ ވަނީ އެ ކުލަބުގައި ދާއިމީ ކޮންޓްރެކްޓެއް ހަދާފައެވެ. މާޒިޔާގެ އޭރުގެ ކޯޗު ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ ރާއްޖޭގެ ލީގު ދެފަަހަރަކު ނެގި އިރު އާއްކޮ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ފަހަކަށް އައިސް އަނިޔާގެ ސަބަބުތަކާ ހުރެ ގިނަ މެޗުތަކުގައި އާއްކޮ ނުފެނުނު ނަމަވެސް ލިބޭ ފުރުސަތުގައި އޭނާ ވަނީ ތަފާތު ދައްކައި މުހިއްމު ގޯލުތަކެއް ވެސް ޖަހައިދީފައެވެ.

މީގެ އިތުރުން އާއްކޮ ވަނީ ރާއްޖޭގެ ޔޫތު ޓީމާ އެކު 2012 ވަނަ އަހަރު ސްރީލަންކާގައި އޮތް މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި ވޭތުވެ ދިޔަ އަހަރު ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސާފު ޗެމްޕިއަންޝިޕު ރާއްޖެއިން ކާމިޔާބު ކުރި ޓީމުގައި އާއްކޮ ވަނީ ހިމެނިފަ އެވެ.

އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ޓްރާންސްފާ މާކެޓް އެންމެ ހަލަބޮލި ވެފައި ވާ މި ދަނޑިވަޅުގައި ގިނަ ކުޅުންތެރިންތަކެއް ދަނީ ކުލަބުތައް ބަދަލު ކުރަމުންނެވެ. އެގޮތުން ދަ ގްރާންޑޭއިން ވެސް ދަނީ ތަޖުރިބާކާރު، ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމަށް ސޮއި ކުރުވަމުންނެވެ.

އެގޮތުން މުހައްމަދު ރަޝީދު (ހޮކޭ) އާއި މިދިޔަ އަހަރު އިންމަގެ ކޯޗުކަމުގައި މާޒިޔާ އަށް ކުޅުނު ޔަސްފާދު ހަބީބު (މުލަކޭ) އަދި ޓީސީއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒުވާން ޑިފެންޑަރު މުރުތައްލާ އަދުނާން (މުރޫ) ވެސް ވަނީ އެ ޓީމާއި ގުޅިފައެވެ.

މާޒިޔާ ސްޕޯޓްސް ނަގާ ކޮޅަށް ޖެހި އެ ޓީމުގެ މޭސްތިރިޔާ އިސްމާއިލް މަހްފޫޒް (އިންމަ) މިއަހަރުގެ ސީޒަނުގައި ދަ ގްރާންޑޭގެ ކޯޗު ކަމާއި ހަވާލުވެފައިވާ އިރު އޭނާ ދަނީ ޓީމު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ހޯދުމައް އެ ކުލަބާ މަޝްވަރާ ކުރަމުންނެވެ.

comment ކޮމެންޓް